ބޮޑެތި އާބާދީތައް އާބާދުކުރާ ތަންތަނުގައި ޤާއިމުކުރާ ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތަކެކޭ އެއްގޮތަށް، އެ ތަންތަނުގެ ސަލާމަތީ ރައްކާތެރިކަމުގެ ޕްލޭނަކީވެސް ކަށަވަރުކުރަންޖެހޭ ޚިދުމަތެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ފޭސް 2 ގެ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ އުމްރާނީ ގޮތުން ރާއްޖެ ތަރައްޤީ ކުރަމުންދާއިރު އަދި ޚާއްސަކޮށް ހުޅުމާލެ ފަދަ އާބާދީ މަރުކަޒުތައް ޤާއިމްކުރަމުންދާއިރު އެތަންތަނުގެ އަމަން ބަލަހައްޓާނެ ގޮތުގެ ޕްލޭނާއި ވިސްނުން ހުންނަން ޖެހޭ ކަމަށެވެ.
ނަޛީރު ވިދާޅުވީ ކުށުގެ މާހައުލަށް އަންނަމުންދާ ބަދަލާއި ކުށުގެ މާހައުލަށް މީހުން ވެއްދުމަށްޓަކައި ރާވައިގެން ތަރުތީބު ކޮށްގެން ކުށް ކުރަމުންދާ މީހުން ކުރަމުންދާ މަސައްކަތް ދެނެގަނެ އަމަން ބަލަހައްޓާ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތް އެއަށްވުރެ ބޮޑަށް ތަރުތީބު ކޮށްގެން ނޫންގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މައްސަލަތަކަށް ޙައްލު ހޯދެން ނެތްކަން އެނގިގެންދާ ކަމަށެވެ.
"މިކަންކަން ޕްލޭންކުރާއިރު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ކިހިނެއްތޯ މިތަންތާގެ އަމަން ބަލަހައްޓާނީ. މިތަންތަނުގެ ސަލާމަތީ ޚިދުމަތްތައް އަޅުގަނޑުމެން ފޯރުކޮށްދޭނީ ކޮންގޮތަކަށްތޯ. އެވިސްނުން އަޅުގަނޑުމެންގެ ހުންނަން އެބަޖެހޭ މިތަނަށް ކަރަންޓު ދޭނީ ކިހިނެއްތޯ، މިތަނުގެ ނަރުދަމާ އަޅާނީ ކިހިނެއްތޯ ވިސްނާ މިންވަރަށް ވިސްނަންޖެހޭކަން އަޅުގަނޑުމެންނަށް މިހާރު އެބައެނގޭ ކުށުގެ މާހައުލަށް މިއަންނަމުންދާ ބަދަލާއި ކުށުގެ މާހައުލަށް މީހުން ވެއްދުމަށްޓަކައި ކުށް ރާވައިގެން ތަރުތީބު ކޮށްގެން ކުރާމިހުން މިކުރަމުންދާ މަސައްކަތް ދެނެގަތީމަ އަޅުގަނޑުމެންނަށް އެބައެނގޭ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އެއަށްވުރެ ބޮޑަށް ތަރުތީބު ކޮށްގެން ނޫންގޮތަކަށް މިދެންނެވި މައްސަލަތަކަށް ޙައްލު ހޯދެން ނެތްކަން." އަލީ ނަޒީރު ވިދާޅުވިއެވެ.
ނަޛީރު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ކުރެވުނު ތަޖުރިބާއިން ދަސްކުރަންޖެހޭ ފިލާވަޅަކީ މިފަދަ އާބާދީ މަރުކަޒުތައް ޕްލޭންކުރާ މަރުހަލާގައި ކަރަންޓާއި ނަރުދަމާ އަޅާނެ ގޮތާމެދު ވިސްނާ ވިސްނުމަށްވުރެ ބޮޑަށް މި ތަންތަނުގެ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭނެ ގޮތަކާމެދު ވިސްނުން މުހިންމުކަން ކަމަށެވެ. އަދި ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށެއް އުފެދިދާނެ ކަންކަން ދެނެގަނެ އެކަން ޙައްލު ކުރަންޖެހޭ ކަމަށާއި ޚިދުމަތް ދިނުމަށްޓަކައި ކުރާ ހޭދައިގެ ބޮޑު އިންސައްތައެއް ކުށެއް އުފެދުމުގެ ކުރިން ހުއްޓުވުމަށް ކުރާ މަސައްކަތަށް ހޭދަކުރަން އެބަޖެހޭ ކަމަށް ނަޛީރު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ނަޛީރު ވިދާޅުވީ ކަންކަން ފަރުމާކުރުމުގެ މަރުހަލާ ފަށައިގަންނަން ޖެހޭނީ ރައްޔިތުން ތަހައްމަލު ކުރާ ބިރުވެރިކަން ނައްތާލެވޭނެ ގޮތަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެން ނޫންނަމަ މިއަދު ނިންމާލާ މަސައްކަތް ވެގެންދާނީ ދެން އަންނަން ތިބި ބަޔަކަށް ބޮޑު ތަކުލީފަކަށް ކަމަށެވެ.
ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޒީރު ވިދާޅުވީ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި، އެތަނަށް ޒިޔާރަށް ކުރާ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ޚިދުމަތް ދެވޭނެ އުމްރާނީ ވަސީލަތް ލަސްނުވެ ގާއިމް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.