ޚަބަރު

މުހިންމު ބޭންކިންގ މުއާމަލާތްތައް މިހަފްތާގައި ނިންމުމަށް ބީއެމްއެލްއިން އެދިއްޖެ


އެމްއެމްއޭ އިން ނިންމާފައިވާ ގޮތަށް އަޟްޙާ ޢީދު ބަންދާ ގުޅިގެން 10 ޖުލައި އިން 14 ޖުލައިގެ ނިޔަލަށް ބޭންކު ބަންދުވާނެތީވެ، މިހަފްތާގައި ބޭންކިންގެ މުހިންމު ޚިދުމަތްތައް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއިން އެދިއްޖެއެވެ.

ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ އީދު ބަންދާ ގުޅިގެން ކުރިއަށް އޮތް ހަފްތާގައި ބޭންކު ބަންދުވާނެތީ ކަސްޓަމަރުން ޚިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާނުވާނެހެން ކުރިން ޕްލޭންކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުން މުހިއްމު ކަމަށެވެ.

" ޓީޓީ، ޗެކް ޕޮރެސެސްކުރުމާއި ލޯކަލް ޓްރާންސްފަރ ފަދަ މުހިންމު ޚިދުމަތްތަކަކަށް މިވަނީ ސުންގަޑި ކަނޑައެޅިފައި، އެހެން ކަމުން އެ ސުންގަޑީގެ ކުރިން ޚިދުމަތްތަކަށް އެދި ހުށަހެޅުއްވުމަކީ ވަރަށް މުހިންމު ކަމެއް. ސުންގަޑިއަށް ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކްތައް ޕްރޮސެސްކުރެވޭނީ ދެން ބޭންކު ހުޅުވޭ ދުވަހު". މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ޢީދު ބަންދަށް ފަހު ދެން ބޭންކު ހުޅުވޭނީ 17 ޖުލައިވާ އާދިއްތަ ދުވަހުއެވެ.

" އަޅުގަނޑުމެން އެދެނީ ބޭންކިންގ މުއާމަލާތްތައް ކުރެއްވުމަށް ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގެ ޚިދުމަތް ބޭނުންކުރެއްވުން. ނަގުދު ފައިސާގެ މުއާމަލާތްކުރެއްވުމަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައްވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ." މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ މެންދުރުފަހު 1:30 އާ ހަމަޔަށް ލިބޭ އިންޓަރނޭޝަނަލް ޓްރާންސްފަރގެ ރިކުއެސްޓްތައް ހަމަ އެދުވަހު ޕްރޮސެސްކުރެވޭނެ ކަމަށާއި ލޯކަލް ޕޭމަންޓް އަދި ޓްރާންސްފަރ ޕޭރޯލް މެންދުރު 12:00 އާ ހަމަޔަށް ލިބޭ ރިކުއެސްޓްތައް ހަމަ އެދުވަހު ޕްރޮސެސްކުރެވޭނެ ކަމަށެވެ. އަދި 2:00 އާ ހަމަޔަށް ލިބޭ ބީއެމްއެލް ޗެކްތައް ހަމަ އެދުވަހު ޕްރޮސެސްކުރެވޭނެކަމަށާއި 11:00 އާ ހަމަޔަށް ލިބޭ އެހެން ބޭންކުތަކުގެ ޗެކްތައް ހަމަ އެދުވަހު ޕްރޮސެސްކުރެވޭނެކަމަށްވެސް ބީއެމްއެލުން ހާމަކުރެއެވެ.