ވިލާ ކޮލެޖުގެ މިއަހަރުގެ ސެޕްޓެމްބަރު އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ވިލާ ކޮލެޖުން ޖުމްލަ 127 ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލިއިރު މީގެ ތެރޭގައި ހިމެނެނީ މާސްޓާސް ފެންވަރުގެ 16 ކޯހަކާއި، ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 36 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 26 ކޯހަކާއި، ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް ލެވެލް 3ގެ 16 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯހެވެ.
އަދި އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ ކޯސްތަކާއި އިނގިރޭސިވިލާތުުގެ އޮކްސްފޯޑް ބްރުކްސް ޔުނިވާސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަނުމުގެ ފުރުޞަތުވެސް ކުރިއަށްއޮތް ސެޕްޓެމްބަރުމަހުގެ އިންޓޭކަށް ވަނީ ހުޅުވާލެވިފައެވެ.
މީގެއިތުރުން ޗާރޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖުމަންޓް އެކައުންޓެންޓްސް (ސީމާ) ގެ ސެޓްފިކެޓް ލެވެލް ،އޮޕަރޭޝަން ލެވެލް، މެނޭޖުމަންޓް ލެވެލް، ޕްރޮފެޝަނަލް ލެވެލްގެ އިތުރުން ސަޓިފައިޑްއެކައުންޓިން ޓެކްނިޝަންގެ (ކެޓް) ލެވެލްގެ 1 2 އަދި 3 ވެސް ކިޔަވާދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިކޯސްތަކުގެ ތެރޭގައި އޮންލައިންކޮށް ކިޔަވައިދޭ ކޯސްތަކާއި ހައިބްރިޑް އަދި ފޭސް ޓު ފޭސްކޮށް ކިޔަވައިދޭ ކޯސްތައްވެސް ހިމެނޭކަމަށް ވިލާކޮލެޖުން ބުނެއެވެ.
މީގެ އިތުރުން ސްކިލްސް ފޯ ރެޒިލިއަންޓް ވޯކްފޯސް ޕްރޮގްރާމުގެ ދަށުން ވިލާކޮލެޖްގައ ހިލޭ ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ހައުސް ކީޕިން،އިންވެންޓްރީ މެނޭޖްމަންޓް،ވޯޓާ ސްޕޯޓްސް،ޓިކެޓިން އެންޑް ރިޒަވޭޝަން،ފިޝް ޕްރޮސެސިންގް އެންޑް ކޮލިޓީ ކޮންޓްރޯލް، ކޭޝިއަރިން،ޓުއާ ގައިޑިން،އެއާޕޯޓް ރިޕްރެޒެންޓޭޓިވް ސާވިސް،ބާބެންޑިން އަދި ކޮމްޕިއުޓާ ހާޑުވެއާ ނެޓްވޯކިންގް ހިމެނެއެވެ.
މި ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވެންސްއެއް ދޭނެކަމަށްވެސް ވިލާކޮލެޖުން ބުނެއެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ކޮވިޑް ރިލީފް ފަންޑުގެ ދަށުން ހިންގާ 'ފުނަރަ' ޕްރޮގްރާމުގެ ދަށުން ލައިފްގާޑިންއާއި، ވެބް ޑިޒައިން ޕްރޮގްރާމަށް ކުރިމަތިލުމަށްވެސް ވިލާކޮލެޖްއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވެންސްއެއް ދޭގޮތަށް ހަމަޖެހިފައިވާކަމަށްވެސް ވިލާ ކޮލެޖުން ބުނެއެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާއިން ޔުނިވާސަލް ފައުންޑޭޝަންގެ ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމުގެ ދަށުން ހިންގޭ ސެޓްފިކެޓް ލެވެލް 3ގެ ހޮސްޕިޓާލިޓީ އޮޕަރޭޝަން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތުވެސް މި ސެޕްޓެމްބަރުމަހު ލިބިގެންދާނެކަމަށް ވިލާކޮލެޖުން ބުނެއެވެ.
މި ސެޕްޓެމްބަރުމަހު ހުޅުވާލާ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯސްތައް ހިމެނެއެވެ.
ވިލާކޮލެޖުން ހިންގާ ކޯސްތަކަކީ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަޑުތަކަށް ފެތޭ އަދި އަދި ދަރިވަރުން ވަޒީފާގެ މައިދާނަށް ތައްޔާރުކޮށްދޭގޮތައް ފަރުމާކުރެވިފައިވާ ކޯސްތަކެއްކަމަށް ވިލާކޮލެޖުން ބުނެއެވެ.
ވިލާކޮލެޖްގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މަންތްލީ އިންސްޓޯލްމަންޓަށް ފީ ދެއްކޭނެ ގޮތް ހަމަޖައްސާފައިވާއިރު ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާކޮލެޖްގެ ހުރިހާ ބެޗްލާސް ޑިގްރީ ޕްރޮގްރާމްތަކަށް މިއަހަރުވެސް ކިޔެވޭނެއެވެ.
މާލޭގެ އިތުރުން ރާއްޖެތެރޭގެ ރަށްރަށުގައި ހުންނަ އެ ކޮލެޖުގެ ކެމްޕަސްތައް މެދުވެރިކޮށްވެސް މި ކޯސްތަކުގައި ބައިވެރިވެވޭއިރު ކޯސްތަކުގައި ބައިވެރިވާން ހުށައެޅުމުގެ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ 11 ވާ ހޮނިހިރުދުވަހެވެ.
މިކޯސްތަކުގެ ކިޔެވުން ފެށޭނީ ސެޕްޓެމްބަރުމަހުގެ 3 ވަނަ ހަފްތާތެރޭގައެވެ.