ޚަބަރު

އުޒްބަކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 5 މަރު


އުޒްބަކިސްތާނުގެ ހުޅަނގުއުތުރުގައިވާ ކަރަކަލްޕަކްސްތާން ސަރަޙައްދުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުން ތަކެއްގައި ފަސް މީހަކު މަރާލާފައިވާ ކަމަށް އިދިކޮޅުން ތުހުތުކޮށްފިއެވެ.


އެ ޤައުމުގެ ރައީސް ޝައުކަތު މިރްޒިޔޮޔޭފް ވިދާޅުވީ، ނޫކުސްގައި ސަރުކާރާ ދެކޮޅު ބަޔަކު ހިންގަމުންދާ ހަމަނުޖެހުންތަކެއްގައި ޢިމާރާތްތަކުގައި ހުޅުޖަހައި، ފުލުހުންނަށް ހަމަލާދީފައިވާ ކަމުގައެވެ.
އަދި، ހަމަނުޖެހުން ހިންގަމުންދާ މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، އެ މީހުންނަށް ފަރުވާދެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ޢާންމުންނާއި ފުލުހުން ހިމެނޭ ކަމުގައި ވިދާޅުވި ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން އޭނާ ސާފުކޮށްދެއްވާފައެއް ނުވެއެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދު ހާހަކަށް އަރާ ކަމަށް ނޫކުސްގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ހަމަނުޖެހުންތަކުގައި ގެދޮރާއި ހަރުމުދަލުގައި ހުޅުޖަހާފައިވާ އިރު، މި ކަން ހުއްޓުވުމަށް އެ ޤައުމުގެ އަސްކަރީ ސިފައިން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި، ސަރުކާރުން ވަނީ އެ ސަރަޙައްދުގައި ކުއްލި ހާލަތު އިޢުލާނުކޮށްފައެވެ. މި ހަމަނުޖެހުން ތަކުގައި ފަސް މީހަކު މަރުވެފައިވާ ކަމަށް ތުހުމަތު ކޮށްފައި ވަނީ، އަމިއްލައަށް އަރުވައިލެވިގެން ހުރި އިދިކޮޅު ބެރްލިކް ޕާޓީގެ އިސް ލީޑަރެއް ކަމުގައިވާ ޕުލާތު އަހުނޯފެވެ. ހަމަނުޖެހުން ހިންގަމުންދާ މީހުންނާ ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުން ކުރަމުންދާ ކަމަށް ތުހުމަތުކޮށް، އޭނާ ވަނީ މި ކަން ބަލައިދިނުމަށް ވިލާތުގެ ޤައުމުތަކަށް ގޮވައިލާފައެވެ.

މި ހަމަނުޖެހުންތައް ފެށުނީ، އެ ޤައުމުގެ ޤާނޫނު އަސާސީ އިސްލާޙު ކުރަން ރައީސް މިރްޒިޔޮޔޭފް މަސައްކަތް ފެއްޓެވުމުންނެވެ. ބޭނުމަކަށް ވީ ކަރަކަލްޕަކްސްތާނަށް ސަރުކާރުން ދީފައިވާ ބާރުތައް އަނބުރާ ނެގުމެވެ. ނަމަވެސް، މި ކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ތެދުވެ އަޑުއުފުލަން ފެށުމުން، ރައީސް މިރްޒިޔޮޔޭފް ވަނީ އެ ޚިޔާލު ދޫކޮށްލައްވާފައެވެ. މި ހަމަނުޖެހުންތަކުގެ އަސްލަކީ، އެ ޤައުމުގައި ވެރިކަން ކުރާ އުޒްބެކު ދަރިކޮޅުން، ކަރަކަލްޕަކުންގެ މައްޗަށް ބާރު ފޯރުވަން މަސައްކަތް ފެށުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.