ޚަބަރު

ޔޫކްރެއިނަށް އެހީވާން ޚާއްޞަ ސަމިޓެއް ފަށައިފި


ޔޫކްރެއިނަށް ރަޝިޔާއިން އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އެހީތެރިވުމަށް ފައިސާ ހޯދުމަށް ސްވިޓްޒަލެންޑުގެ ލުގާނޯގައި ޚާއްޞަ ބައްދަލުވުމެއް ފަށައިފިއެވެ. ޔޫކްރެއިން ރިވަކަރީ ކޮންފަރެންސް (ޔޫ.އާރް.ސީ.2022) ގެ ނަމުގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި ޔޫކްރެއިނުގެ އިސް އޮފިޝަލުންގެ އިތުރުން ގިނަ އަދަދެއްގެ ޤައުމުތަކުގެ އިސްވެރިންނާއި، އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ބައިވެރިވެއެވެ.

އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރު ލިޒް ޓްރަސް ވިދާޅުވީ، އަންނަ އަހަރު ވެސް މިފަދަ އިތުރު ބައްދަލުވުމެއް ބާއްވަން އެ ޤައުމުން ތައްޔާރުވަމުން ދާ ކަމުގައެވެ. މި މަސައްކަތަށް ޚާއްޞަކޮށްގެން ލަންޑަނުގައި އޮފީހެއް ވެސް ހުޅުވާނެއެވެ. މިއީ، އިސްތިއުމާރީ ވެރިކަމާ ދެކޮޅަށް އަދި ޑިމޮކްރެސީގެ ދިފާޢުގައި ބާއްވާ ސަމިޓެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ. އަދި، ޔޫކްރެއިން އާރާސްތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސި ވިލާތުން ދެމި އޮންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ޔޫކްރެއިނުގެ ވެރިރަށް ކީވާއި އެހެން ސަރަޙައްދުތައް އާރާސްތުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަރިހުގައި އެދިވަޑައިގަންނަވާފައެވެ. އިނގިރޭސި ވިލާތުން ވަނީ ޔޫކްރެއިނަށް އިންވެސްޓްމަންޓްތައް ހޯދުމުގައި ވެސް އެހީތެރިވާން އެއްބަސްވެފައެވެ.

ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އެހީދޭ ޖަމުޢިއްޔާތައް މެދުވެރިކޮށް ޔޫކްރެއިންގެ ސަރުކާރަށް 1.5 ބިލިޔަން ޑޮލަރު ހޯދުމަށް އިނގިރޭސި ވިލާތުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ދޭދޭ އެހީގެ ގޮތުގައި 120 މިލިޔަން ޑޮލަރު ދޭނެ ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.