ޚަބަރު

ކޯޕެންހޭގަންގެ ޝޮޕިންގް މޯލެއްގައި ބަޑިޖަހައި 3 މީހުން މަރާލައިފި


ޑެންމާކުގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ކޯޕެންހޭގަންގެ ޝޮޕިންގް މޯލެއްގެ ތެރޭގައި ހަތިޔާރު އެޅި މީހަކު ބަޑިޖަހައި ތިން މީހުން މަރާލައިފިއެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަތިޔާރު އެޅި މީހާ ވަނީ ހައްޔަރުކޮށްފައިވާކަމަށް އެ ޤައުމުގެ ފުލުހުން ބުނެއެވެ. ޒަޚަމްވި މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުގައި އެސޯލްޓް ރައިފަލްއަކާއި ގިނަ އަދަދެއްގެ ވަޒަން ހުއްޓެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބޮޑު ތަހުޤީޤެއް ފަށާފައިވާ ކަމަށާއި، ބޭނުމަކީ ހައްޔަރުކޮށްފައިވާ މީހާ ހަރަކާތްތެރިވެފައި ވަނީ އެކަނިކަން ޔަޤީން ކުރުން ކަމުގައެވެ.

މި ހަމަލާއާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު މެޓަހް ފްރެޑަރުކްސުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ވިދާޅުވީ، ޝޮޕިންގް މޯލްގެ ތެރޭގައި އޮތް އުފާވެރި މާހައުލުގައި މައިންބަފައިން އެ މީހުންގެ ދަރިންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުން ދަނިކޮށް، އެ ތަނުގެ މަސްލަޙަތު ނަގައިލާފައި ވަނީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ކަމުގައެވެ. އަދި، މިއީ އެކަކު އަނެކަކަށް ހިތްވަރުދީ، އަޅައިލާންވީ ވަގުތު ކަމުގައި ވެސް އޭނާ ބުންޏެވެ.

މި ހަމަލާއާ ގުޅިގެން ޑެންމާކުގައި އިތުރު ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބަލައި، ނުރައްކަލުގެ އިންޒާރު ވަނީ ކޮށްފައެވެ. އެ ޤައުމުގައި މީގެ ކުރިން މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައި ވަނީ 2015 ވަނަ އަހަރެވެ. އެ އަހަރު ދިން ހަމަލާގައި ދެ މީހުން މަރައިލާ، ހަ ފުލުހަކު ޒަޚަމްކޮށްލިއެވެ.