ކުޅިވަރު

ގުޑީސް ބަލިކޮށް އޮފު އެފްސީން މޮޅަކާއެކު ސީޒަން ނިންމާލައިފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މައިލޯ ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ފަހު މެޗުން ގުޑީސް ސްޕޯޓްސް ކުލަބު ބަލިކޮށް، އޮފު އެފްސީ މޮޅަކާއެކު ސީޒަން ނިންމާލައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އޮފު އެފްސީން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. އެހެންކަމުން މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި އެސޯސިއޭޝަން ކަޕުގެ ފައިނަލް ބުރުން ފެށިގެން އޮފު އެފްސީން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ ދެ ފަހަރުވެސް ގުޑީސް އަތުންނެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުވެސް އޮފު އެފްސީން ގެންދިޔައިރު، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ގުރޫ ޕްރަޝާންތާއި ސެޓަރު އަލީ މައުރޫފް (މާއްޓެ) ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ދެ ސެޓު އޮފު އެފްސީން ގެންދިޔައީ 25-22 އަދި 25-17 އިންނެވެ.

މި މެޗުގެ ތިންވަނަ ސެޓުގައި ގުޑީސްއިން ހިތްވަރާއެކު ކުޅުނުއިރު، ސެޓުގެ ފަހުކޮޅުގައި އެ ޓީމުުގެ ހަސަން ނިލާމް (ޕާޓޭ) ގެ ރަނގަޅު އެޓޭކުތަކެއް ފެނިގެންދިޔައެވެ. އެއާއެކު މި ސެޓު ގުޑީސްއިން ގެންދިޔައީ 28-26 އިންނެވެ. އެކަމަކު ހަތަރުވަނަ ސެޓުގައި އޮފު އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ މި ސެޓު ފަސޭހަކަމާއެކު 25-14 އިން ކާމިޔާބުކޮށްފައެވެ.

މި މެޗާއެކު މި ފަހަރުގެ ލީގު ނިމިގެންދިޔައިރު، ލީގުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަންކަން ހޯދި ސްޕޯޓްސް ކުލަބު ސިޓީގެ ނަލަ ހުސެއިން ޝަރީފެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކީ ސިޓީގެ އަލީ ހުޒާމް (ހުޒަންޓެ) އެވެ. ލީގުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ސިޓީގެ ވިނާޔަކް ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކީ ޕޮލިސް ކުލަބުގެ ހައިލަމް ހަަސަނެވެ.

ގައުމީ ލީގު ނިމި ހޯމަ ދުވަހު ގައުމީ މުބާރާތް ފަށާއިރު، އެ މުބާރާތުގައި ވާދަކުރާނީ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ ސިޓީ އާއި، ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު ވެމްކޯ އަދި ޕޮލިހެވެ.