ޚަބަރު

ދޮންބެސް އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށް


ޔޫކްރެއިނުގެ އިރުމަތީ ދޮންބެސްގެ ހުރިހާ ސަރަޙައްދެއްގެ ފުރިހަމަ ކޮންޓްރޯލް ލިބިފައިވާ ކަމަށް ރަޝިޔާއިން ބުނެފިއެވެ. ދޮންބެސް ބެހިފައި ވަނީ ލުހާންސްކާއި ދޮނެޓްސްކްގެ މައްޗަށެވެ.

ލުހާންސްކްގައި ހިމެނޭ ދެ ރަށް ކަމުގައިވާ ސިއެވޮރޮދޮނެޓްސްކާއި ލިސިޗެންކްސްގެ ތެރެއިން މިހާތަނަށް ރަޝިޔާއިން އަތްގަދަ ނުކުރެވި އޮތް ހަމައެކަނި ރަށަކީ ލިސިޗެންކްސްއެވެ. ނަމަވެސް، އެ ރަށް ވެސް މިހާރު މި ވަނީ ރަޝިޔާ ސިފައިންގެ އަތްދަށުވެފައެވެ.

ލުހާންސްކަށް ރަޝިޔާ ސިފައިންގެ ނަޒަރު އަމާޒުކޮށްފައި ވަނީ، ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އެ ޤައުމުގެ ވެރިރަށް ކީވް ހިފުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. 2014 ވަނަ އަހަރުން ފެށިގެން، ލުހާންސްކާއި ދޮނެޓްސްކްގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން ދަނީ ޔޫކްރެއިން ސިފައިންނާ ހަނގުރާމަ ކުރަމުންނެވެ. އެ ޖަމާޢަތްތަކަކީ ރަޝިޔާ ސަރުކާރުން ވާގިވެރިވެދީ، ހަތިޔާރު ފޯރުކޮށްދޭ ޖަމާޢަތްތަކެކެވެ.

ލުހާންސްކް ރަޝިޔާ ސިފައިންގެ އަތްދަށުވެފައިވާ ކަން އެ ޤައުމުގެ ދިފާޢީ ވަޒީރު ސަރްގެއި ޝޮއިގޫ ވަނީ ރައީސް ވްލަޑިމިއަރ ޕުޓިންއަށް ރަސްމީކޮށް އަންގާފައެވެ. ރަޝިޔާއިން ޤަބޫލު ކުރާ ގޮތުގައި، މި ހަނގުރާމައަކީ ޔޫކްރެއިންގެ އަތްދަށުން އެ ސަރަޙައްދުތައް މިނިވަން ކުރުމަށް ހިންގަމުންދާ ޚާއްޞަ އަސްކަރީ އޮޕަރޭޝަނެކެވެ.

ލިސިޗެންކްސް ރަޝިޔާގެ އަތްދަށުވެފައިވާ ކަމަށް އެ ޤައުމުން ބުނި ނަމަވެސް، ޔޫކްރެއިންގެ ސަރުކާރުން މި ކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް، މި ހަނގުރާމައިގެ ކަންކަން ދިރާސާ ކުރަމުންދާ އެމެރިކާގެ ގުރޫޕެއް ކަމުގައިވާ އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯއިން ވަނީ، ލިސިޗެންކްސްގައި ތިބި ޔޫކްރެއިން ސިފައިން އެ ރަށް ދޫކޮށް ފައިބައިފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި، މިއީ އަސްކަރީ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައި އެ ގުރޫޕުން ޤަބޫލު ކުރެއެވެ.
ލުހާންސްކްގެ ގަވަރުނަރު ސަރްހީ ގައިދާއީ ވިދާޅުވީ ރަޝިޔާ ސިފައިން ލިސިޗެންކްސް ވަށައިލާފައިވާ ކަމަށާއި، އެ ރަށަށް ވަރުގަދަ ހަމަލާތަކެއް އަމާޒު ކުރަމުންދާ ކަމުގައެވެ. އަދި، ރަޝިޔާގެ ހަމަލާތަކުގައި އެ ރަށުގެ ގިނަ ސަރަޙައްދުތަކެއް އަނދަމުންދާ ކަމަށް އޭނާ ބުނެއެވެ. މި ހަމަލާތަކުގައި ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވާ ކަމަށް ޔޫކްރެއިނުން ބުނި ނަމަވެސް، ހުއްޓުމެއް ނެތި ހަނގުރާމަ ކުރަމުންދާތީ މަރުވެފައިވާ މީހުންގެ ފުރިހަމަ އަދަދު ކަށަވަރު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާއިރު، ރައްދުގައި ޔޫކްރެއިންގެ ސަފައިން ވެސް ދަނީ ރަޝިޔާގެ އަމާޒުތަކަށް ހަމަލާދެމުންނެވެ. ޔޫކްރެއިން ސިފައިން އެންމެ ފަހުން ހަމަލާތައް އަމާޒުކޮށްފައި ވަނީ ބެލްގޮރޮޑް ކިޔާ ރަޝިޔާގެ ރަށަކަށެވެ. މި ހަމަލާގައި ތިން މީހުން މަރުވިއެވެ.
ބެލްގޮރޮޑްގެ އޮފިޝަލަކު ބުނީ ޔޫކްރެއިންގެ ހަމަލާގައި ޢާންމުން ދިރިއުޅޭ ފަސް ގެއެއް މުޅިން ސުންނާފަތިވެފައި ވާއިރު، 11 އެޕާޓްމަންޓް ބިލްޑިންގާއި 30 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމުގައެވެ. ނަމަވެސް، މިއީ ޔޫކްރެއިން ސިފައިން ދިން ހަމަލާތަކެއް ކަން އެ ޤައުމުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގައި ހުރި އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް ވެސް ޔޫކްރެއިން ސިފައިން ދަނީ ވަރުގަދައަށް ހަމަލާ ދެމުންނެވެ. މެލިޓޮޕޯލްގައި ރަޝިޔާއިން ޤާއިމުކޮށްފައިވާ މިފަދަ އަސްކަރީ މަރުކަޒަކަށް މިއަދު އެކަނިވެސް 30 އަށްވުރެ ގިނަ ހަމަލާ އަމާޒުކޮށްފައިވެއެވެ. މި ހަމަލާތަކުގައި ޔޫކްރެއިންގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.
މި ހަމަލާތަކުގެ ރައްދުގައި ރަޝިޔާ ސިފައިން ވަނީ ޔޫކްރެއިންގެ ޚާކީވަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި، ޔޫކްރެއިންގެ ދެކުނުގައިވާ ބަނދަރުމަތީ ރަށެއް ކަމަށްވާ އޮޑެއްސާއާ އިންވެގެން އޮންނަ މިކޮލިއެފަށް ވެސް ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.