ޚަބަރު

ނައިޖީރިޔާގެ ސިފައިންގެ 30 މީހުން މަރާލައިފި


ނައިޖީރިޔާގެ ޝިރޯރޯ ސަރަޙައްދުގެ މައިނެއް ކައިރީގައި ހަތިޔާރު އެޅި ޖަމާޢަތަކުން ދިން ހަމަލާތަކެއްގައި ސިފައިންގެ 30 މީހުން މަރުވެއްޖެއެވެ. މި ހަމަލާދީފައި ވަނީ ހަތިޔާރު އެޅި ޖަމާޢަތަކުން ރަހީނުކޮށްފައިވާ ބަޔަކު ހޯދުމަށް ސިފައިން މަސައްކަތް ކުރަމުން ދަނިކޮށެވެ. ރަހީނުކޮށްފައިވާ މީހުންގެ ތެރޭގައި ޗައިނާގެ ހަތަރު މީހުން ވެސް ހިމެނެއެވެ. މި އެންމެންނަކީ ވެސް މައިނުގައި މަސައްކަތް ކުރާ މީހުންނެވެ.

ނައިޖީރިޔާގެ އަސްކަރިއްޔާއިން ބުނީ، މިއީ ހަތިޔާރުއެޅި ޖަމާޢަތުން ވަރަށް ރާވައިގެން ދީފައިވާ ހަމަލާއެއް ކަމުގައެވެ. އަދި، ހަމަލާދީފައި ވަނީ ރަހީނުކޮށްފައިވާ މީހުން ހޯދުމަށް ހަރަކާތްތެރިވި ސިފައިން މައިންގެ ކައިރިން ދަތުރުކުރަމުން ދަނިކޮށް ކަމުގައެވެ. އަދި، ސިފައިންގެ މީހުން މަރައިލުމުގެ ކުރިން އެ ސަރަޙައްދުގައި ފޯރިމަރަމުން ދިޔަ ފުލުހުންގެ ހަތް މީހަކު ވެސް މަރައިލާފައިވާ ކަމަށް ޝިރޯރޯގެ އޮފިޝަލަކު ބުންޏެވެ.

ރަހީނުކޮށްފައިވާ ޗައިނާގެ ހަތަރު މީހުންނަކީ ވެސް މައިނުގައި މަސައްކަތް ކުރަމުންދިޔަ ބަޔަކު ކަމަށާއި، އެ މީހުންނާ އެކު ރަހީނު ކުރި ޢާންމުންގެ އަށް މީހުން ވެސް މަރައިލާފައިވާ ކަމަށް އޮފިޝަލު ބުންޏެވެ. ރަހީނުކޮށްފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ހުއްޓައިލާފައެއް ނުވެއެވެ.

ނައިޖީރިޔާގެ ރައީސް މުޙައްމަދު ބުޚާރީ ވިދާޅުވީ، މި ހަމަލާގެ ފަހަތުގައިވާ ބަޔަކު ހޯދައި، ޝަރީޢަތުގެ ކުރިމައްޗަށް ގެންނާނެ ކަމުގައެވެ. އަދި، މިއީ ވަރަށް ދަށުދަރަޖައިގެ ހަމަލާއެއްގެ ގޮތުގައި އެނާ ސިފަ ކުރެއްވިއެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ކޮން ޖަމާޢަތަކުން ކަން އަދި ސާފުވެފައެއް ނުވެއެވެ.
ނައިޖީރިޔާގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ހަތިޔާރު އެޅި ޖަމާޢަތްތައް ހަރަކާތްތެރިވެއެވެ. މީގެ ތެރެއިން ވެސް ބޯކޯ ހަރާމަކީ، ވަރަށް ނުރައްކާތެރި ޖަމާޢަތެކެވެ. އެ ޖަމާޢަތުގެ ހަނގުރާމަވެރިން ދީފައިވާ ހަމަލާތަކުގައި ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރައިލާފައެވެ.