ޚަބަރު

ކުލޮރިން ގޭސް ލީކުވި އުރުދުންގެ ބަނދަރުގެ މުވައްޒަފުން ހަޅުތާލަށް


ޢުރުދުންގެ އަޤަބާގައި މުދާ އުފުލާ ބޯޓަކަށް ބަރުކުރަނިކޮށް ކުލޮރިން ރައްކާކޮށްފައި ހުރި ތާނގީއެއް ވެއްޓި ގޭސް ލީކުވެގެން ހިނގި ހާދިސާއާ ގުޅިގެން އެ ބަނދަރުގެ މުވައްޒަފުން މަސައްކަތް ހުއްޓައިލާ ހަޅުތާލު ކުރަން ފަށައިފިއެވެ. މީގެ ހަފުތާއްހާ ދުވަސް ކުރިން ހިނގި މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ. އަދި، އިތުރު 300 އަށްވުރެ ގިނަ މީހުންގެ ނޭވާލާ ނިޒާމަށް ކުލޮރިން ގޭހުގެ އަސަރުކޮށްގެން ފަރުވާދޭން ޖެހުނެވެ.

މި ހާދިސާއާ ގުޅިގެން ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފުން ހަޅުތާލު ކުރަން ފަށާފައި ވަނީ، އެ މީހުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އެ މީހުން ތަމްސީލު ކުރާ ޔޫނިއަންގެ އޮފިޝަލަކު ބުނީ، މިފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި ހުންނަން ޖެހޭ ސަލާމަތާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ބަނދަރުގައި ތަންފީޒު ކުރަމުން ނުދާ ކަމުގައެވެ.
ބަނދަރުގައި މަސައްކަތް ކުރާ އެތައް ސަތޭކަ ބަޔަކު ހަޅުތާލުގައި ބައިވެރިވެފައި ވާއިރު، އެ ތަނުގެ ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަން ބަނދަރުގެ އޮފިޝަލުން ވަނީ ކަށަވަރު ކޮށްދީފައެވެ. ބަނދަރުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިހުމާލުވެފައިވާ ކަމަށް ޢުރުދުންގެ ސަރުކާރުން ވެސް ވަނީ ބުނެފައެވެ.

ބަނދަރުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ޢުރުދުންގެ ރަސްގެފާނު ޢަބްދުالله ވަނީ ޚާއްޞަ ތަހުޤީޤެއް ހިންގުމަށް އަމުރު ކުރައްވާފައެވެ. އަޤަބާގެ ބަނދަރުގެ މުވައްޒަފުންގެ ހަޅުތާލާ ގުޅިގެން އެ ތަނުން މުދާ ފޯރުކޮށްދޭ ބައެއް ޤައުމުތައް ކަމުގައިވާ އިރާޤާއި ސޫރިޔާ އަދި ފަލަސްތީނަށް މުދާ ގެންދިޔުމަށް މި ވަނީ ހުރަސް އެޅިފައެވެ.