ޚަބަރު

ޓައިގާ އަނެއްކާވެސް ދަރްމާގެ ފިލްމަކުން، މިފަހަރު އެކްޝަން ފިލްމެއް


ފިލްމު "ގަނަޕަތު" ގެ ޝޫޓިން ގައި މިހާރު އުޅޭ ބޮލީވުޑް ތަރި ޓައިގާ ޝްރޮފް އަނެއްކާވެސް އެކްޝަން ފިލްމަކަށް ސޮއިކޮށްފިއެވެ.

"ހަމްޓީ ޝަރުމާ ކީ ދުލްހަން"، "ދަޅަކް" އަދި "އަޖީބް ދާސްތާންސް" ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ޝަޝަންކް ކައިތާން ޑައިރެކްޓުކުރާ މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފިލްމުގެ ޝޫޓިން އަށް އެންމެ ފުރަތަމަ ދާން ހަމަޖެހިފައި އޮތީ ޕޯޗްގަލް އަށެވެ. ޕްރޮޑަކްޝަން ޓީމާއި ގާތްމީހަކު މަޢުލޫމާތުދިން ގޮތުގައި ޕޯޗްގަލްގައި މި ފިލްމު ޝޫޓް ކުރަން ނިންމީ ލޯކަލް ކްރޫ ޕޫލްސް އާއި ޕްރޮޑަކްޝަން ސަޕޯޓް ޕޯޗުގަލުން ވަރަށް ބޮޑަށް ލިބޭތީއެވެ.

ޝަޝަންކު މިހާރު ޑައިރެކްޝަންގެ މަސައްކަތްކުރަމުންދާ "ގޯވިންދާ މެރާ ނާމް" ގެ މަސައްކަތް ނިންމާލުމަށްފަހު ޓައިގާގެ މި ފިލްމުގެ މަސައްކަތް ފަށާނެއެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ މި ފިލްމަކީ ކަރަން ޕްރޮޑިއުސްކުރާ ފިލްމަކުން އުމުރުން 32 އަހަރުގެ ޓައިގާ ފެންނަ 2 ވަނަ ފަހަރެވެ. މީގެކުރިން ޓައިގާ ވަނީ ކަރަންގެ "ސްޓޫޑެންޓް އޮފް ދަ ޔިއާ 2" ގައި މަސައްކަތްކޮށްފައެވެ.

އެކްޝަން ސީންތަކާއި ލޯބީގެ ބައެއްވެސް ފެންނަ މި ފިލްމުގެ މަންޒަރުތައް ޕޯޗުގަލްގެ އިތުރުން އިންޑިއާ އަދި އެހެން ޤައުމުތަކުގައިވެސް ނަގަން ވަނީ ހަމަޖެހިފައެވެ.

މި ފިލްމުގެ ބަޠަލާ އާއި އެނޫންވެސް ތަރިންގެ މަޢުލޫމާތު އަދި ހާމައެއް ނުކުރެއެވެ، ނަމަވެސް ބަޠަލާއެއްގެ ރޯލަށް ޖާންވީ ކަޕޫރު ނުވަތަ ޝްރައްދާ ކަޕޫރު ހަމަޖައްސާފައިވާކަމުގެ ވާހަކަތައްވެސް ވަނީ ފެންމަތިވެފައެވެ.