ޚަބަރު

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރުއެވެ.

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ދޭނެ އުމްރާނީ ވަސީލަތް ޤާއިމްވެފައިވޭތޯ އެއީ މިއަދު ކުރެވޭ ސުވާލެއްކަމަށެވެ. އެގޮތުން އުންމީދަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަ ޤާއިމްކުރެވުނު މި ޕޮލިސް ސްޓޭޝަނާއެކު ފުލުހުންގެ ޚިދުމަތްދޭނެ އުމްރާނީ ވަސީލަތްތައް ވީހާވެސް އަވަހަކަށް ޤާއިމްވެގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަސް ދެވަނަ ފިޔަވަހީގައި ހޭދަކުރިއިރު ރައްޔިތުންގެ ފަރާތުން އުފެދުނު އުދާސްތަކާއި ފުލުހުން ޚިދުމަތް ދިނުމުގަ ހަރަކާތްތެރިވި ފުލުހުންނަށް އިވުނު ކަންބޮޑުވުންތައް އެއްކުރެވުނު އިރު، ކުރިއަށް އޮތްތަނުގަ ދަސްކުރަން ޖެހޭ ފިލާވަޅުތައް އެބަހުރިކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެއީ އަތޮޅެއްގެ އާބާދީއާ އެއްވަރަށް މީހުން ދިރިއުޅޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އުޅޭ އުޅުމުގައި ޚިޔާލުތަފާތުވުންތަކާއި ތަފާތު އެކި ކަންކަން ކުށުގެ ސިފައިގައި ފެންނަ ކަމަށް އޭނާ ފާހަގަކުރެއވިއެވެ.

"މިއުފެދެމުން އަންނަ މައްސަލަތައް ހައްލުކުރުމަށްޓަކައި ފުލުހުންގެ މަސައްކަތްތައް އަލުން މުތާލިއާކުރަންޖެހޭ. އެގޮތުން ޚިދުމަތް ދިނުމުގަ އަޅުގަނޑުމެން ހޭދަކުރާ ހޭދަކުރުމުގެ އިންސައްތައެއް ހޭދަކުރަންޖެހޭ ކުށެއް ކުށަކަށް ވުމުގެ ކުރިން އެކަން ފާހަގަކޮށް ކުށެއް ނުއުފެދެނީސް އެކަން ހުއްޓުވުމަށް ކުރާ މަސައްކަތައް. މިދަންނަވަނީ ގޭގެއަށް ގޮސް ފަޅުއޮޑިފަހަރަށް ގޮސް ހޮޅުއަށިތަކަށް ގޮސް އެފެންނަ ކުށްތައް ކުށަކަށް ވުމުގެ ކުރިން ހައްލުކުރަންޖެހޭ ވާހަކަ" ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ ފުލުހުންނަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރަން ތިބޭ ބައެއް ނޫންކަމަށާއި ފުލުހުންނަކީ ރައްޔިތުންގެ އަސާސީ ހައްޤުތައް ރައްކާތެރިކޮތްދޭ ބައެއްކަމަށެވެ. އަދި މި ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށާއި ފުލުހުންނަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރާނެ ބައެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ 20 ސިކުންތަކީ ރައްޔިތަކު ފުލުހަކާއި ބައްދަލުވާ ވަގުތު. އަދި ކޮންމެ 20 ސިކުންތަކީ ދިވެހި ރައްޔިތަކަށް ފުލުހުން ޚިދުމަތް ފޯރުކޮށްދޭ ވަގުތެއް. އެހެންނަމަވެސް ކުށެއް ކޮށްގެން އަޅުގަނޑުމެންނާ ބައްދަލުވާ މީހުންގެ އަދަދު އެއީ ވަރަށް މަދު އަދަދެއް. 4000 ވެސް ނާރާނެ އެ އަދަދު އަހަރެއް ނިމިގެން ދާއިރު" ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އައިއިރު ފުލުހުންގެ ޚިދުމަތް ލިބިގެން ދިޔަ ނަމަވެސް ހުޅުވިގެންދިޔަ ޕޮލިސް ސްޓޭޝަނާއި އެކު ދާއިމީ ގޮތެއްގައި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެ ޚިދުމަތް ލިބިގެންދާނެއެވެ. 25،000 ވުރެ ގިނަ މީހުން އާބާދުވެފައިވާ ހުޅުމާލެ ދެވަނަ ފިޔަވައްސަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ބޭނުންވާނެ ތަނެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ރާއްޖޭގެ ކޮންމެ ރަށެއްގައި ޤާއިމްވެ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފުލުހުންގެ ޚިދުމަތް ފުޅާވެގެން ދިޔުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަމާޒެކެވެ.