ޚަބަރު

ޔޫކްރެއިނުގެ މިކޮލިއެފަށް ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއް


ރަޝިޔާއިން ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތައް އަތްގަދަ ކުރުމަށް ފަށާފައިވާ ހަނގުރާމައިގައި މިހާރު އަމާޒު ހިފާފައި ވަނީ ދޮންބެސް ސަރަޙައްދުގެ މައި ދެ ޕުރޮވިންސު ކަމުގައިވާ ދޮނެޓްސްކް އަދި ލުހާންސްކަށެވެ. ރަޝިޔާގެ ފައުޖުތައް ބަރު ހަތިޔާރާއެކު ޖަމާކޮށްފައި ވަނީ އެ ދެ ސަރަޙައްދަށެވެ. ލުހާންސްކްގެ މައި ދެ ރަށުގެ ތެރެއިން ސިއެވޮރޮދޮނެޓްކްސް މިހާރު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. އަދި، ދެވަނަ ރަށް ކަމުގައިވާ ލިސިޝެންކްސް ދިފާޢު ކުރަމުންދާ ޔޫކްރެއިންގެ ސިފައިންނަށް ދަނީ ވަރުގަދަ ހަމަލާތައް އަމާޒު ކުރަމުންނެވެ.

ނަމަވެސް، ޔޫކްރެއިނުގެ އެހެން ސަރަޙައްދުތަކަށް ވެސް ރަޝިޔާ ސިފައިންގެ ހަމަލާތަކުން ސަލާމަތެއް ނެތެވެ. ދޮންބެސް އަދި ލުހާންސްކާ ދުރުގައި އޮތް އެހެން ސިޓީތަކަށް ވެސް ރަޝިޔާއިން ދަނީ ދުރު ރާސްތާ މިސައިލާއި އާޓިލަރީ ބަޑީގެ ހަމަލާތައް ދެމުންނެވެ. އެންމެ ފަހުން ހަމަލާތައް އަމާޒުކޮށްފައިވަނީ ޔޫކްރެއިނުގެ ދެކުނުގައިވާ ރަށެއް ކަމުގައިވާ މިކޮލިއެފަށެވެ. މި ފަދަ ހަމަލާތަކުގެ އަމާޒަކީ ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތައް ކަމުގައި ރަޝިޔާއިން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، ހަމަލާތަކުގެ ގެއްލުން ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ އެހެން މަންޒަރެކެވެ. ފެންނަނީ، ޔޫކްރެއިންގެ ޢާންމު ރައްޔިތުންގެ ގެދޮރާއި، އެޕާޓްމަންޓް ޢިމާރާތްތަކާއި، ޝޮޕިންގް މޯލްތައް ސުންނާފަތި ކޮށްލާފައިވާ މަންޒަރެވެ.

މިކޮލިއެފްގެ މޭޔަރު އޮލެކްސެންޑަރ ސެންކެވިޗް ވިދާޅުވީ، ރަޝިޔާގެ ފައުޖުތަކުން އެ ރަށަށް ނުރައްކާތެރި ހަމަލާތަކެއް އަމާޒުކޮށްފައިވާ ކަމުގައެވެ. އަދި، ބްލެކް ސީގެ ބަނދަރުމަތީ ރަށް އޮޑެއްސާއާ އިންވެގެން އޮންނަ މިކޮލިއެފްގެ ރައްޔިތުންނަށް، ގޭގައި މަޑު ކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. ނަމަވެސް، ރަޝިޔާ ސިފައިން "އޮއްސަމުންދާ" މިސައިލް އަދި އާޓިލަރީ ބަޑީގެ ހަމަލާތަކުން ޢާންމުންގެ ގެދޮރު ސަލާމަތް ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެ މީހުންނަކަށް ނެތެވެ.
ހުސްވި ހަފުތާގައި ރަޝިޔާ ސިފައިން އޮޑެއްސާއަށް ދިން ހަމަލާތަކުގައި ޢާންމުންގެ 21 މީހުން މަރުވިއެވެ. ރަޝިޔާއިން ހަމަލާދީފައި ވަނީ އަސްކަރީ މަރުކަޒުތަކަކަށް ކަމަށް ބުނަމުން ދިޔަ ނަމަވެސް، ސުންނާފަތިވެފައި ވަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކެކެވެ. އަދި، ކްރެމެންޗުކުގެ ޝޮޕިންގް މޯލަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި ޢާންމުންގެ 19 މީހުން މަރުވިއެވެ. އެ ހަމަލާގައި ސުންނާފަތިވެފައިވާ ޢިމާރާތުގެ ދަށުވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައެއް ނުލައެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ދިމީތުރީ ޕެސްކޯފް އަނެއްކާ ވެސް މި ވަނީ ޔޫކްރެއިންގެ ތުހުމަތުއް ދޮގުކޮށްފައެވެ. އޭނާ ބުނީ، ޢާންމުންގެ ގެދޮރަށް ރަޝިޔާއިން ހަމަލާ ނުދޭ ކަމުގައެވެ. އަދި، ރަޝިޔާގެ ސިފައިންނަށް ހިތްވަރުދޭން ވެސް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. ރަޝިޔާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ވެލޭރީ ގެރަސިމޯފް ދާދި ފަހުން މި ވަނީ ހަނގުރާމަ ހިނގަމުންދާ ސަރަޙައްދަށް ވަޑައިގަންނަވައި އެ ޤައުމުގެ ސިފައިންނާ ބައްދަލު ކުރައްވާފައެވެ.

ރަޝިޔާއިން ޔޫކްރެއިނުގެ އެހެން ސަރަޙައްދުތަކަށް ހަމަލާދެމުން ދަނީ، ޔޫކްރެއިނުގެ ސިފައިންގެ ހިތްވަރު ބަލިކޮށްލުމަށް ކަމަށް ބެލެވެއެވެ. ރަޝިޔާގެ ފައުޖުތަކުން 2014 ވަނަ އަހަރު ޔޫކްރެއިނަށް އެރުމަށްފަހު، ދޮނެޓްސްކް އަދި ލުހާންސްކްގައި ވަކި ސަރުކާރުތަކެއް އުފެއްދުމަށް މަސައްކަތް ފެށިއެވެ. އަދި، ރަޝިޔާއިން އެއްބާރުލުން ދީގެން ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ އުފައްދާފައެވެ.

ނަމަވެސް، ޔޫކްރެއިނުގެ ފައުޖުތަކުން ވެސް ދަނީ ހަނގުރާމައިގައި ކާމިޔާބީތައް ހޯދަމުންނެވެ. މި ގޮތުން، ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހު ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ސްނޭކް އައިލެންޑް ޔޫކްރެއިންގެ ފައުޖުތަކުން ވަނީ މިނިވަންކޮށްފައެވެ. އެއާއެކު، ޔޫކްރެއިނުގެ ބަނދަރުމަތީ ރަށްތަކުން ގޮވާމާއި ކާނާގެ އެހެން ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުޞަތު މި ވަނީ ހުޅުވިފައެވެ. ނަމަވެސް، ރަޝިޔާއިން ބުނީ، އެ ޤައުމުގެ ސިފައިން ސްނޭކް އައިލެންޑުން ފޭބުމަށް ރައީސް ވްލަޑިމިއަރ ޕުޓިން ނިންމެވީ އޭނާގެ "ހެޔޮފުޅު" ކަމުން ކަމުގައެވެ.