މެޑިޓެރޭނިއަން ކަނޑުގައި އިސްރާޢީލުން އަޅާފައިވާ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާޢަތުން ދޭން އުޅުނު ޑްރޯން ހަމަލާތަކެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އިސްރާޢީލުން ބުނެފިއެވެ. އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނީ، ލުބުނާނުގެ ސަރަޙައްދުން ހިޒްބުاللهއިން ތިން ޑްރޯނެއް އުދުއްސައިލި ކަމުގައެވެ.
މިއީ އީރާނުން އަޑީގައި އޮވެގެން ރާވާފައިވާ ހަމަލާއެއް ކަމަށް ވެސް އިސްރާޢީލުން ތުހުމަތު ކުރެއެވެ. ނަމަވެސް، ޑްރޯންތަކުގައި އެއްވެސް ގޮވާއެއްޗެއް ހަރުކޮށްފައި ނެތް ކަމަށް އިސްރާޢީލުގެ އޮފިޝަލަކު ބުންޏެވެ. އެހެންކަމުން، ޑްރޯން ބޭނުންކޮށްގެން ތެޔޮ ކާރުޚާނާތަކަށް ހަމަލާދޭން އުޅުނު ކަމަށް އިސްރާޢީލުން ބުނާ ބުނުމާ މެދު ސުވާލު އުފެދެއެވެ. އިސްރާޢީލުގެ މި ތުހުމަތުތަކަށް ލުބުނާނުން އަދި ރައްދުދީފައެއް ނުވެއެވެ.
މެޑިޓެރޭނިއަން ކަނޑުގެ ބައެއް ސަރަޙައްދުތަކުގެ މިލްކުވެރިކަމާމެދު ލުބުނާނާއި އިސްރާޢީލާ ދެމެދު ވަނީ ޚިޔާލު ތަފާތުވެފައެވެ. ތެލާއި ގޭހުގެ ގޮތުން މުއްސަނދި ސަރަޙައްދަކަށް އިސްރާޢީލުގެ ތެޔޮ ނަގާ އުޅަނދެއް ދާދިފަހުން ވަނުމާ ގުޅިގެން ހިޒްބުاللهއިން ވަނީ އިސްރާޢީލަށް އިންޒާރު ދީފައެވެ. ހިޒްބުاللهގެ ވެރިޔާ ސައްޔިދް ޙަސަން ނަޞްރުالله ބުނެފައިވަނީ އެ އުޅަނދުގެ މަސައްކަތްތައް ހުއްޓުވަން އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމަށާއި، ޞުލްޙަވެރި ޙައްލެއް ނުހޯދިއްޖެ ނަމަ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ ކުރަން ވެސް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ.
މެޑިޓެރޭނިއަން ކަނޑުގެ މި ސަރަޙައްދުގެ މިލްކުވެރިކަމާ މެދު ލުބުނާނާއި އިސްރާޢީލާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ޞުލްޙަވެރި ހައްލެއް ހޯދުމަށް އެމެރިކާއިން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަ މުޝީރު އޭމޯސް ހޮޗްސްޓީން ދާދި ފަހުން ވަނީ، ލުބުނާނަށް ހައްލުތަކެއް ހުށަހެޅި ނަމަވެސް، އެ ޤައުމުން އަދި މި ހުށަހެޅުންތައް ބަލައިގަނެފައެއް ނުވެއެވެ.