ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ 2 ވަނަ ދައުރުގެ އެގްޒެކެޓިވް ކޮމިޓީއަށް 3 ބޭފުޅަކު އިންތިހާބުކޮށްފިއެވެ.
ރައީސާއި ނައިބު ރައީސްގެ އިތުރުން ޖުމްލަ 6 މެންބަރުން ތިބޭ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މި 3 މެމްބަރުން އިންތިހާބުކުރީ އިއްޔެ 'ފަހި ވޯޓް' މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ އިންތިހާބުގައެވެ.
އެގްޒެކެޓިވް ކޮމިޓީއަށް އަލަށް ހޮވުނު މެމްބަރުންނަކީ ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފާއި ޤާނޫނީ ވަކީލު އަލްއުސްތާޛާ ދީނާ ޙުސައިންގެ އިތުރުން ޤާނޫނީ ވަކީލު އަލްއުސްތާޛާ ޢާއިޝަތު މުނީޒާއެވެ.
ބާކައުންސިލްގައި މިހާރު އޮތް އެކްސްކޯގެ ދައުރު މިމަހުގެ 13 ވަނަ ދުވަހަށް ހަމަވާނެއެވެ. އަދި މިދިޔަ މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި މެމްބަރުންގެ އަދަދު މަދުވުމާއިއެކު މެންބަރުން ހަމަނުވާ 3 މަޤާމަކަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމުން ޖުމްލަ 5 މެމްބަރުން ކުރިމަތިލިއެވެ. ހޮވުނު މެމްބަރުންގެ އިތުރުން ދެން ވާދަކުރެއްވި 2 ބޭފުޅުންނަކީ ޤާނޫނީ ވަކީލު މަރިޔަމް ނިހާޔަތާއި ޤާނޫނީ ވަކީލު ހަސަން ފަލާހްއެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 844 ވަކީލުން ވަނީ ރަޖިސްޓްރީވެފައެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2 ވަނަ އެގްޒެކެޓިވް ކޮމިޓީ އިޢުލާނުކުރުން pic.twitter.com/dAjPk7mzrn
— Bar Council of the Maldives (@MvBarCouncil) July 2, 2022
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ދައުރަކީ 3 އަހަރެވެ.
ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ވަނީ ރައީސްކަމަށް ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާޢީލް ވިޝާމް އިންތިހާބުވެފައިވާއިރު ނައިބު ރައީސްކަމަށް މިޒްނާ އަޙުމަދު ވަނީ އިންތިހާބުވެފައެވެ. އަދި އެކްސްކޯގެ މެމްބަރުންގެ ގޮތުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒާއި ޤާނޫނީ ވަކީލް އިބްރާހީމް ޝަމީލާއި ސާދިޙު ނަޞީރު ވަނީ ހޮވިފައެވެ.
ބާ ކައުންސިލްގެ ޤާނޫނު ބުނާގޮތުން އެކައުންސިލްގައި ރައީސާއި ނައިބުރައީސްގެ އިތުރުން ހަ މެމްބަރުންނާއި ބަންޑާރަ ނައިބުވެސް އެގްޒެކެޓިވް ކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ.
ބާ ކައުންސިލަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން 2019 ވަނަ އަހަރު އުފެއްދި ކައުންސިލެކެވެ.