އަޟްޙާ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
ޢީދު ބަންދަކީ ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން އެމްއެންޑީއެފްއިން ކުރިއަށްގެންދާ އޮޕަރޭޝަން ފަށައިވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ މިއޮޕަރޭޝަން މާލޭ ބަނދަރު ސަރަހައްދުގައާއި ރަށްރަށުގައިވެސް ހިނގަމުންދާނެއެވެ. މިގޮތުން ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދު ފަހަރުތައް ޗެކްކުރުމުގެ މަސައްކަތް އެމްއެނޑީއެފުން ކުރަމުންގެންދާނެކަމަށް އެފަރާތްތަކުން މައުޅުމާތުދެއެވެ.
ކޮންމެ އަހަރެއްގެ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ، ޢީދު ބަންދާއި، ބޮޑު ޗުއްޓީ ނިމެންދެން ކުރިއަށްގެންދާ ގޮތަށް ހަމަޖެފައިވާ އޮޕަރޭޝަނެކެވެ.