ކުޅިވަރު

ހިލޭ ޓްރާންސްފާއެއްގައި މިކިޓާރިއަން އިންޓައަށް


އިޓާލިއަން ލީގުގެ އޭއެސް ރޯމާއަށް ކުޅެމުން އައި ހެންރިކް މިކިޓާރިއަން އިންޓަ މިލާނަށް ސޮއިކޮށްފިއެވެ.

މިކިޓާރިއަން އިންޓައަށް ސޮއި ކޮށްފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެގޮތުން މިކިޓާރިއަން މީގެ ކުރިން ރޯމާއާއެކު ހަދާފައިވާ އެއްބަސްވުން ވަނީ މިދިިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފައެވެ.

އުމުރުން 33 އަހަރުގެ މިކިޓާރިއަން ވެފައިވަނީ އިންޓައަށް ސޮއިކުރި އާމީނިއާގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ ރޯމާގައި ތިން އަހަރު ހޭދަކޮށްފައެވެ. ރޯމާގެ އިތުރުން އޭނާ ވަނީ ޝަޚްތާރު ޑޮނެސްކާއި، ބޮރޫޝިއާ ޑޯޓްމުންޑާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލަށްވެސް ކުޅެފައެވެ.

ޓްވިޓާ މެދުވެރިކޮށް އާންމުކުރި މެސެޖެއްގައި މިކިޓާރިއަން ވަނީ އިންޓަ ފަދަ ބޮޑު ކުލަބަކަށް ބަދަލު ވެވުމުން އެކަމާއި އުފާކުރާކަން ހާމަކޮށްފައެވެ. އަދި އިންޓައަށް ކާމިޔާބީ ހޯދައިދިނުމަށްޓަކައި އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިކިޓާރިއަންއަކީ މި އަންނަ ސިޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން އިންޓައިން ގެނައި ހަތަރުވަނަ ކުޅުންތެރިޔާއެވެ. އެގޮތުން މީގެ ކުރިން އެ ޓީމުން ވަނީ ރޮމެލޫ ލުކާކު އާއި ގޯލްކީޕަރު އަންޑްރޭ އޮނާނާ އަދި ކްރިސްޓިއަން އަސްލާނީ ގެންގޮސްފައެވެ.