ޚަބަރު

އަރުޖުން، ބޫމީ އަދި ރަކުލް ކޮމެޑީ ފިލްމަކުން އެކުގައި


"ހެޕީ ބާގް ޖާއެގީ" ގެނެސްދިން ޑައިރެކްޓަރު މުދައްސަރުގެ އަޒީޒުގެ ކޮމެޑީ ފިލްމަކަށް އަރުޖުން ކަޕޫރު، ބޫމީ ޕަދްނޭކަރު އަދި ރަކުލް ޕްރީތް ސިންގް ސޮއިކޮށްފިއެވެ.

"މެރީ ޕަތްނީ ކީ ރީމޭކް" ގެ ނަން ދީފައިވާ މި ފިލްމުން ހަނދާން އާވާނީ 90 ގެ އަހަރުތަކުގައި ދެއްކި ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާ ފިލްމުތައް މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވާޝޫ ބައްގާނީގެ ޕޫޖާ އެންޓަރޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތް ފަށާނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. އަރުޖުން އާއި ރަކުލް ވަނީ މީގެކުރިންވެސް އެކުގައި މަސައްކަތް ކޮށްފައެވެ. 2021 ވަނަ އަހަރު ދެއްކި "ސަރުދާރުކާ ގްރޭންޑް ސަން" ގައި ރަކުލް އަކީ އަރުޖުންގެ ލޯބިވެރިޔާއެވެ.

ބޫމީ އާއި އަރުޖުން މިހާރުވެސް ދަނީ އަޖޭ ބާލްގެ ތްރިލާ "ދަ ލޭޑީ ކިލާ" ގެ ޝޫޓިން ތައް ކުރިއަށްގެންދަމުންނެވެ. މުދައްސަރުގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭ ކުމާރު ލީޑްރޯލުން ފެންނަ ފިލްމު 'ކޭލް ކޭލް މޭ" އެވެ. ބޫޝާން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރުއެވެ.

އަރުޖުން ދެން އެންމެ އަވަހަށް ފެންނާނީ މިހާރު ޓްރެއިލާވެސް ދައްކާލައިފައިވާ "އޭކް ވިލަން ރިޓާންސް" އިންނެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

"ދާ ލޭޑީ ކިލާ" ގެ އިތުރުން އާސްމާން ބާޖްވާގެ ފިލްމު "ކުއްތޭ" އަދި ނަވްނީތް ސިންގް ޑައިރެކްޓުކުރާ "ކަނެދާ" އަކީވެސް އަރުޖުންގެ ކުރިއަށް ހުރި ފިލްމުތަކެވެ.