ކުޅިވަރު

ފަހަތުން އަރައި ސަސް ބަލިކޮށް ވެލެންސިއާ ތިންވަނައަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ތާވަލުގެ ތިންވަނައަށް ކުލަބު ވެލެންސިއާ ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ސަސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި މުޙައްމަދު ސާމިރުގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އައިހަމެވެ.

މި ލަނޑާއެކު ވެލެންސިއާއިން ކުޅުން ރަނގަޅުކޮށް ސަސްގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 26 ވަނަ މިނެޓުގައި ވެލެންސިއާގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ފަހުން މެޗުގެ 36 ވަނަ މިނެޓުގައި އަޑުބަރޭ ލަނޑެއް ޖެހި ނަމަވެސް، ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އިސްމާއީލް އީސަ (މެސީ) ގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޚަލީލް ޖަމާލެވެ. އަދި އޭގެ ހަ މިނެޓު ފަހުން ވެލެންސިއާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މެސީގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަބްދުﷲ ޔާމީން (ޔާނު) އެވެ.

އޭގެ ފަހުން މެޗު ނިމެން ކައިރިވެފައި ވަނިކޮށް ނަތީޖާ ހަމަހަަމަކުރަން ސަސްގެ އިބްރާހީމް އަތީގް ހަސަން (އިއްބެ) އަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރޭގައި ހުހަށްހުރެ އިއްބެ ފޮނުވާލި ބޯޅަ ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ވެލެންސިއާ ތާވަލުގެ ތިންވަނައަށް އެރީ ކުޅުނު 15 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތް ޓީސީއާ ފަސްވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް 15 މެޗުން ވަނީ 20 ޕޮއިންޓް ލިބިފައެވެ. ޓީސީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ސަސް އޮތީ ތާވަލުގެ ހަތްވަނައިގައި 15 މެޗުން 14 ޕޮއިންޓާއެކުއެވެ.