ކުޅިވަރު

ގްރީން ބަލިކޮށް މާޒިޔާއިން މޮޅަކުން ތިންވަނަ ބުރު ފަށައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތިންވަނަ ބުރު މޮޅަކުން ފަށައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މާޒިޔާއިން ކުރިއަށް ޖެހި ގްރީންގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި، ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވަނީ ނުހިފިފައެވެ.

އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި ގްރީންގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ނަގައިދިން ކޯނަރަކުން މުޙައްމަދު ސާއިފް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި ގްރީންގެ ޕެނަމާގެ ފޯވާޑް ހުއާން ކާލޯސް ހެނާންޑޭޒް އަވީލާއަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފް ވަނީ ކާލޯސް ފޮނުވާލި ހަމަލާ ދިފާއުކޮށްފައެވެ.

މި މެޗުގައި މާޒިޔާއިން ލީޑު ނެގީ މެޗުގެ 42 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓަނާއެވެ. މިއީ އޭރިއާ ތެރެއިން ގްރީންގެ ސާއިފް ޓެކުލެއް ކޮށްފައި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަތުގައި ބޯޅަ ޖެހުމުން، ރެފުރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ގްރީންގެ މުޙައްމަދު ފަރުހާން (ފަރުއްކޮ) އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އޭގެ ފަހުން މެޗުގެ 61 ވަަނަ މިނެޓުގައި މާޒިޔާއަށް ލީޑު ފުޅާކޮށްދޭން ހަމްޕުއަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ހަމްޕު ވަނީ މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާއާއެކު ޖެހިޖެހިގެން ހަތް މެޗު ކާމިޔާބުކޮށް ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު 15 މެޗުން ލިބުނު 42 ޕޮއިންޓާއެކުގައެވެ. އެ ޓީމުގެ ފަހަތުން ދެވަނައިގައި އޮތް އީގަލްސްއަށް 15 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. އަދި ގްރީން އޮތީ ލީގުގެ ހަވަނައިގައި 15 މެޗުން 17 ޕޮއިންޓާއެކުއެވެ.