ޚަބަރު

ޙައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރާނެ


މި އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރާނެއެވެ.

ރާއްޖެއިން މިއަހަރު 453 މީހަކު ހައްޖަށްދާއިރު، ފުރަތަމަ ގްރޫޕްގައި 156 މީހަކު ފުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި ދެ ވަނަ ގްރޫޕްގައި 175 މީހަކު ވަނީ ބުދަދުވަހު ފުރާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހައްޖަށްދާ މީހުންގެ ފަހު ގްރޫޕް މިރޭ ފުރާއިރު، އެ ގްރޫޕްގައި 115 ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިރޭ ޙައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން 11:30ގައިކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާއިރު މިރޭވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބަވާނެއެވެ.

މިރޭ ޙައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށް، މާލޭގައި ބަސްތަކުގެ ދަތުރުތައް އޮންނާނީ، މަޖީދީމަގު، ފަރީދީމަގު، އޯކިޑުމަގު، އަމީނީމަގު އަދި ބޮޑުތަކުރުފާނުމަގުގައެވެ.

މިރޭ ޙައްޖުވެރިން ފުރާއިރު، މޫސުން ގޯސްވުމާއި ގުޅިގެން ބަސް ދަތުރުކުރާ ރޫޓްތަކަށް ވަނީ ބަދަލުގެނެސްފައެވެ. އެ ގޮތުން ވިއްސާރަވެއްޖެނަމަ ޙައްޖުވެރިންނަށް ހިޔާވެވޭނެކަހަލަ ދިމާތަކަށް ވަނީ ހަމަޖައްސާފައެވެ.

ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓާނެއެވެ. އަދި ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.