ޚަބަރު

ފެން ބޮޑުވުމާއި ގުޅިގެން އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ސަމާލުވޭ!


ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އިލްތިމާސްކޮށްފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފެންބޮޑުވެ ރާއްޖޭގެ އެކި ރަށްތަކަށް އުދައަރަމުން އަންނަ މިދުވަސްވަރު އާންމު ހާލަތު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް އެޗްޕީއެއިންވަނީ އާއްމުކޮށްފައެވެ.

ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން އާއްމު ސާފުތާހިރުކަމަށް އިތުރަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ބުއިމަށާއި ކެއްކުމަށް އަދި ތަށި ދޮވުމަށް ފުޅީގައި ބަންދުކުރި ފެން، ވާރޭފެން ނުވަތަ ކެއްކި ފެން ބޭނުންކުރުމާއި ޖަންކްޝަން ފުރިގެން ފެން ނުކުންނަނަމަ ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކްލޮރިން ކުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ޕަބްލިކް ހެލްތު ޔުނިޓަށް ނުވަތަ މާލޭގައިނަމަ އެޗްޕީއޭއަށް އެންގުމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ އިތުރުން ފެންގަނޑުތެރެއަށް ކުޑަކުދިން އެރުނަ ނުދިނުމާއި ސައިބޯނި ލައިގެން ސާފު ފެނުން ގިނަގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ވިއްސާރަވެ ފެންބޮޑުވާ މި ދުވަސްވަރު ކާބޯތަކެއްޗާއި ބޭސް ބޭނުންކުރުމުގައި ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިންވަނީ އެދިވަޑައިގެންފައެވެ. އެޗްޕީއޭއިން ވިދާޅުވީ އެއްވެސް ބޭހެއް ބޭނުންކުރާ ފަރާތެއްނަމަ ފެނުގެ އަސަރު ނުކުރާނެ ރައްކާތެރި ހިސާބެއްގައި ބޭސް ރައްކާކުރުމާއި އިންސިއުލިން ފަދަ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ޖެހޭ ބޭސް ރައްކާތެރިކަމާއިއެކު ފްރިޖްގައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އަދި ފެން ބޮޑުވެގެން އެއްވެސް ވަރަކަށް ކާބޯތަކެއްޗަށް ފެނުގެ އަސަރު ކޮށްފިނަމަ އެފަދަ ކާބޯތަކެތި ބޭނުން ނުކޮށް ރައްކާތެރި ގޮތުގައި އުކާލުމަށްވެސްވަނީ އެދިވަޑައިގެންފައި. މީގެ އިތުރުން 4 ގަޑިއިރަށްވުރެ ގިނައިން ކަރަންޓު ނެތްނަމަ ފްރިޖްގައި ބަހައްޓާފައިވާ ކުނިވާ ޒާތުގެ ކާބޯތަކެތި ބޭނުންކުރުން ރައްކާތެރި ނޫން ކަމަށާއި ގަނޑުކުރާ ބައިގައި ރަނގަޅަށް ގަނޑުވެފައިވާ ކާބޯތަކެތި ކަރަންޓު ކެނޑޭތާ 24 ގަޑިއިރުވަންދެން ރައްކާތެރިކަމާއިއެކު ހުންނާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިންވަނީ ފެން ހިންދުމާއި ސާފުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައްވެސް ހާމަކުރައްވާފައެވެ.

ފެން ހިންދުމާއި ސާފުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް:

* ފެން ހިންދާ ސާފުކޮށް ނިމިންދެން ފެނުގެ އަސަރުކޮށްފައިވާ ހިސާބަށް ކުޑަކުދިން ގާތްވިޔަ ނުދިނުން.
* ނަރުދަމާ، ޖަންކްޝަން، ނުވަތަ ސެޕްޓިކް ޓެންކް ފުރިގެން ބޭރުވެފައިވާނަމަ ސާފުކުރުމުގެ ކުރިން ޕަބްލިކް ހެލްތުގެ އެހީތެރިކަން ހޯދުން.
* ހަށިގަނޑުގެ ހަމުގައި ފާރުގަނޑެއް ހުރިނަމަ ފެންގަނޑުގައި ޖެހުނަ ނުދީ ފެން ނުވަންނާނެހެން ފާރުގަނޑު ފޮރުވުން.
* ފެން ހިންދުމުގައި ހަރަކާތްތެރިވާއިރު ރައްކާތެރިވުމުގެ ގޮތުން އަންގިއާއި މާސްކް ފަދަ ތަކެތި ބޭނުންކުރުން. އަދި މަސައްކަތް ނިމުމުން އެތަކެތި ކޮތަޅެއްގައި ބަންދުކުރުމަށްފަހު ރައްކާތެރިކަމާއިއެކު އުކާލުން.
* ދޮވެ، ޑިސްއިންފެކްޓް ނުކުރެވޭ ތަކެއްޗަށް (ގޮދަނޑި، ސޯފާ، ފޮތި، ސޮޕޮންޖް، ބާލީސް، ފޮތް، ކަރުދާސް ތަކެތި) ފެނުގެ އަސަރު ކޮށްފައިވާނަމަ އުކާލުން.
* ކުޑަކުދިން ކުޅޭ ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާނަމަ އެތަކެތި އުކާލުން.
* ފެނުގެ އަސަރުކޮށްފައިވާ ފާރާއި ތަޅުންގަނޑު އަދި ފަރުނީޗަރު ފެނާއި އޯމޯ ނުވަތަ ބްލީޗް ލައިގެން ރަނގަޅަށް ދޮވެ ހިއްކުން.
* ސާފުކުރުމުގެ މަސައްކަތުގައި ލައިގެން ހުރި އަންނައުނު އެހެން އަންނައުނާ ވަކިން ދޮވުން.

މިދުވަސްވަރަކީ ޑެންގީ ފެތުރެމުން އަންނަ ދުވަސްކޮޅަކަށް ވުމާއިއެކު ފެން ބޮޑުވާ ތަންތަނުގައި ފެން ހަރުނުލާނެ ގޮތަކަށް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެހެން ނޫންނަމަ މަދިރި އާލާވުމަށް އިތުރަށް މަގުފަހިވެ ބަލި އިތުރުވުމުގެ ބިރު އޮއް ކަމަށް އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.