ޚަބަރު

އުދައަރައި 11 ރަށަކަށް އެކިވަރުގެ ގެއްލުން


5 އަތޮޅެއްގެ 11 ރަށަކަށް އުދައަރައި އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ވިދާޅުވެއްޖެއެވެ.

އޭގެތެރޭގައި ހިމެނެނީ ތ. އަތޮޅުގެ 6 ރަށަކާއި ގދ. އަތޮޅުގެ 2 ރަށަކާއި އދ. އަތޮޅުގެ 2 ރަށަކާއި ލ. އަތޮޅުގެ 2 ރަށެވެ. މިރަށްރަށުގެ ގިނަ އަދަދެއްގެ ގޭގެއަށް ލޮނުގެ އަސަރުކޮށް ގެއްލުންވެފައިވާ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ.

އެގޮތުން ގދ. ރަތަފަންދޫއަށް އުދައަރައި 40 ވަރަކަށް ގެއަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި ގދ. މަޑަވެއްޔަށް އުދައަރައި ގޭގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ގިނަ އާއިލާތަކެއް ވަނީ ވަގުތީގޮތުން ގެދޮރު ދޫކޮށް އާއިލާގެ އެހެން ގެތަކަށް ބަދަލުވެފައެވެ. މީގެ އިތުރުން ތ. ތިމަރަފުއްޓަށް އުދައަރައި އެއާޕޯޓާއި ރަށުގެ ގިނަ ގެތަކަށް ލޮނުވަދެ ގާތްގަނޑަކަށް 30 އާއިލާއެއް ވަނީ ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުވެފައެވެ. އަދި ހަމަ އެ އަތޮޅުގެ ކިނބިދޫ އަށް އުދައަރައި ރަށުގެ 90 އިންސައްތަ ގޭގެއަށް ލޮނުގެ އަސަރުކޮށްފައިވާ ކަމަށާއި، މަޑިފުށީގެ 60 ގެއަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކަށް ރެއިން ފެށިގެން މޫސުން ގޯސްވެފައިވާއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ ކެރީގެ އަސަރުކުރަމުންދާ ކަމަށެވެ. ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނުވެސް ދެކުނާއި މެދުރާއްޖެތެރެ އަދި އުތުރުގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި އުތުރުގެ ރަށްތަކަށް އުދައިގެ އަސަރު ކޮންމެވެސް ވަރަކަށް ކުރި ނަމަވެސް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަސަރުކޮށްފައި ނުވާކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އުދައިގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓުން މަޢުލޫމާތުދެއެވެ. އެގޮތުން އާއްމު ރައްޔިތުންނާއި ކައުންސިލްތަކާއި އަދި ފުލުހުންނާއި ސިފައިން ގުޅިގެން ރަށްރަށަށް އެހީވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން ޖުލައިއަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާ ދުވަސްވަރެކެވެ. މި ދުވަސްވަރު މޫސުން ގޯސްވެ ރަށްރަށަށް އުދަ އެރުމާއި، އަދި ވިއްސާރަވެ، ރަށްރަށުގައި ފެންބޮޑުވުމުގެ ގިނަ ޙާދިސާތައް ހިނގައެވެ. މިފަދަ ޙާލަތްތަކުގައި، ވީހާވެސް އަވަހަށް ކަމާގުޅޭ ފަރާތްތަކަށް ގުޅައި އެހީތެރިކަން ހޯދުމަށް އެންޑީއެމްއޭއިން އިލްތިމާސްކުރެއެވެ.

މި ދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރަށް ވުމާއިއެކު، ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން ފުލުހުންނާ އެމްއެންޑީއެފުންވަނީ، ޔެލޯ އެލަރޓްގެ ޙާލަތްތަކާއި ވައިގަދަވެ އޮއެ ގަދަވާ ވަގުތުގައި ކަނޑު މައްޗަށް ނޭރުމަށް އިލްތިމާސްކޮށްފައެވެ.