އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި މިއަދު މޫދަށް އެރި އުޅުނު ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެންފުށީ ކައުންސިލްގެ ރައީސަށް ފޯނުންގުޅުއްވައި ހާލަތު އޮޅުންފިލުއްވައިފިއެވެ.
މި ފޯންކޯލުގައި ފެންފުށީ ކައުންސިލްގެ ރައީސް ވަނީ، ހާދިސާގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވައި އަދި އުދައެރުމުގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކާއި ގުޅޭ މައުލޫމާތުވެސް ޙިއްޞާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދުގެ ހިތާމަވެރި ހާދިސާގައި ނިޔާވި ޒުވާނާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވިއެވެ. އަދި ފެންފުށީގައި މިދިމާވި ކަންކަމާއި ގުޅިގެން ސަރުކާރަށް ކޮށްދެއްވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަހުމަދު ޢަބްދުއް ޝުކުރޫ ވިދާޅުވީ ނިޔާވި ކުއްޖާއަކީ މިއަދު ހަވީރު ފަހެއް ޖަހާ އެހާކަށްއިރު ތުނޑީ ސަރަހައްދަށް ފޮޓޯ ނަގަންދިޔަ 4 ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. އޭނާ ވިދާޅުވިގޮތުގައި މިހަތަރު ކުދިންގެ ތެރެއިން 2 ކުއްޖަކުވަނީ އައި ރާޅެއްގައި މޫދަށް ދަމައިގަނެފައެވެ. މިޚަބަރު ލިބުމާއެކު ރައްޔިތުން މިކުދިން ހޯދަން ނިކުތް ކަމަށާއި މިދެކުދިން ފެނިގެން އދ.މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ދިޔަމިއްޔަށް ނިސްބަތްވާ ކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ނިޔާވި ކުއްޖަކީ ސަން އައިލެންޑް ރިޒޯޓުގައި މަސައްކަތް ކުރާ ކުއްޖެއް ކަމަށާއި އެކުއްޖާ ފެންފުށްޓަށް ދިޔައީ ފެންފުށީގަ އުޅެ އޭނާގެ ރައްޓެއްސަކާއެކު ޗުއްޓީއެއްގައި ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މީގެތެރެއިން ރާޅާއެކު ދަމައިގަނެގެން ދިޔަ އަނެއް ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފެންފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެކިހިސާބަށް ހުޅަނގު މޫސުމުގެ ވިއްސާރަ އަންނަނީ ކުރަމުންނެވެ. މިވިއްސާރައިގެ ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިންވަނީ ހާމަކޮށްފައެވެ. މިވިއްސާރައާ ގުޅިގެން ޔެލޯ އެލަރޓް ނެރެފައިވާ އަތޮޅުތަކުގެ ތެރޭގައި އދ.ވެސް ހިމެނެއެވެ.