ޚަބަރު

ފުލުހުންގެ އިލްތިމާސަކީ މިހާލަތުގައި ދަތުރުނުކުރުން


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާތީ މިހާލަތުގައި ދަތުރުނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދުނާން އަނީސް ވިދާޅުވީ ފުލުހުންގެ އިލްތިމާސަކީ މޫސުމަށް ބަލައިގެން ދަތުރު ކުރުން ނޫން ކަމަށާއި، އިރުޝާދަކީ މިހާލަތުގައި ދަތުރު ނުކުރެއްވުން ކަމަށެވެ.
އަދުނާން ވިދާޅުވީ މިރޭގެ އަށެއް ޖެހުމާ ހަމައަށްވެސް ކަނޑުމަތީގެ ހަތަރު ހާދިސާއެއް މާލެ އަތޮޅު ހިމެނޭ ސަރަހައްދުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިއިން އެއްވެސް ހާދިސާއެއްގައި އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މިދުވަސްވަރު ކުރުމަށް ރާވާފައި ހުރި ދަތުރުތައްވެސް މޫސުން ރަނގަޅުވުމުން ކުރުމަށް އަދުނާންވަނީ އިލްތިމާސް ކުރައްވާފައެވެ.

މިވިއްސާރައިގައި ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ މިޖެހޭ ވައިގައި ދަތުރުކުރާ އިރު ކެތް ކުރެވޭ ވަރުގެ އުޅަނޑުތަކެއް އެތެރޭގެ ދުއްވަމުންދާ ކަމަށް ޤަބޫލް ނުކުރެއްވޭ ކަމަށް އަދުނާން ވިދާޅުވިއެވެ. އެހެންކަމުން އޮޑިވެރިންނާއި، އޮޕަރޭޓަރުންނާއި އުޅަނދުފަހަރުގެ ކެޕްޓަނުންވެސް ދަތުރަށް ނިކުތުމުގެ ކުރިން އެއުޅަނދަކީ މިގަދައިގައި ދަތުރުކުރެވޭ ވަރުގެ އުޅަނދެއްތޯ ބަލައި ޔަޤީން ކުރުމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދުނާން އަނީސްވަނީ އިލްތިމާސް ކުރައްވާފައެވެ.