ޚަބަރު

ރާޅަކާއެކު ފެންފުށި ތުނޑިއަށް ދަމައިގަތް ކުއްޖަކު ނިޔާވެއްޖެ


މިއަދު ހަވީރުގެ ވަގުތެއްގައި އދ.ފެންފުށީ ތުނޑިއަށް ދިޔަ ކުދިންގެ ތެރެއިން ކުއްޖަކު ނިޔާވެފައިވާ ކަމަށް ފެންފުށީ ކައުންސިލުން މަޢުލޫމާތު ދީފިއެވެ.

ފެންފުށީ ކައުންސިލްގެ ރައީސް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދިންގޮތުގައި ނިޔާވެފައިވަނީ ތ.އަތޮޅު ދިޔަމިގިލީ ކުއްޖެކެވެ.

ކައުންސިލްގެ ރައީސް އަހުމަދު ޢަބްދުއް ޝުކުރޫ ވިދާޅުވި ނިޔާވި މިކުއްޖާއަކީ މިއަދު ހަވީރު ފަހެއް ޖަހާ އެހާކަށްއިރު ތުނޑީ ސަރަހައްދަށް ފޮޓޯ ނަގަންދިޔަ 4 ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. އޭނާ ވިދާޅުވިގޮތުގައި މިހަތަރު ކުދިންގެ ތެރެއިން 2 ކުއްޖަކުވަނީ އައި ރާޅެއްގައި މޫދަށް ދަމައިގަނެފައެވެ. މިޚަބަރު ލިބުމާއެކު ރައްޔިތުން މިކުދިން ހޯދަން ނިކުތް ކަމަށާއި މިދެކުދިން ފެނިގެން އދ.މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ދިޔަމިއްޔަށް ނިސްބަތްވާ މިކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނިޔާވި ކުއްޖަކީ ސަން އައިލެންޑް ރިޒޯޓުގައި މަސައްކަތް ކުރާ ކުއްޖެއް ކަމަށާއި އެކުއްޖާ ފެންފުށްޓަށް ދިޔައީ ފެންފުށީގަ އުޅެ އޭނާގެ ރައްޓެއްސަކާއެކު ޗުއްޓީއެއްގައި ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މީގެތެރެއިން ރާޅާއެކު ދަމައިގަނެގެން ދިޔަ އަނެއް ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފެންފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކިހިސާބަށް ހުޅަނގު މޫސުމުގެ ވިއްސާރަ އަންނަނީ ކުރަމުންނެވެ. މިވިއްސާރައިގެ ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިންވަނީ ހާމަކޮށްފައެވެ. މިވިއްސާރައާ ގުޅިގެން ޔެލޯ އެލަރޓް ނެރެފައިވާ އަތޮޅުތަކުގެ ތެރޭގައި އދ.ވެސް ހިމެނެއެވެ.