ޚަބަރު

ޓީޓީއެފް ކޮލްކަޓާގައި ރާއްޖެއިން ބައިވެރިވެއްޖެ


އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެޤައުމުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ މަޤްބޫލު ފެއަރތަކުގެ ތެރޭގައި ހިމެނޭ ޓީޓީއެފް ކޮލްކަޓާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 1 އިން 3 އަށް އިންޑިއާގެ ކޮލްކަޓާގައި ކުރިއަށްދާ މި ފެއަރގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 13 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ދިވެހި ރާއްޖެއަކީ މިއަހަރުގެ ޓީޓީއެފް ކޮލްކަޓާގެ ޕާޓްނަރ ޤައުމެވެ. އެގޮތުން އެމްއެމްޕީއާރުސީން އާއި ރިއު މޯލްޑިވްސް އާއި ސަންސިއާމް އިރުވެލިއާ އެކު މި އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒްކޮށްގެން ޚާއްސަ ޑެސްޓިނޭޝަން ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކު އެއްފަހަރު، ކޮލްކަޓާގައި ބާއްވާ ޓީޓީއެފް ޓްރެވަލް އެންޑު ޓޫރިޒަމް ފެއަރއަކީ އިންޑިއާގެ ޓްރެވަލް އެންޑު ޓޫރިޒަމް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު މައުރަޒެވެ.

ޓީޓީއެފް ކޮލްކަޓާ ނިންމާލުމަށްފަހު އެމްއެމްޕީއާރުސީން އިންޑިއާގެ އޮޕަރޭޓަރުންނާއި އޭޖެންޓުންނާއި އެކު "ކަނެކްޓް ވިތު މޯލްޑިވްސް، ޔޯ އަލްޓިމޭޓު ޑެސްޓިނޭޝަން މޯލްޑިވްސް ރޯޑް ޝޯ އިން އިންޑިއާ" ގެ ނަމުގައި އިންޑިއާގެ ތިން ސިޓީއެއްގައި ޚާއްސަ ރޯޑްޝޯތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ރޯޑްޝޯ ބާއްވާނީ 5 ޖުލައިގައި ބެންގަލޫރުގައި، 7 ޖުލައިގައި ޗެންނާއީގައި އަދި 8 ޖުލައިގައި ޓްރިވެންޑްރަމްގައެވެ. މި ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 16 ފަރާތަކުން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ އިންޑިއާގެ މާކެޓަށް އަމާޒްކޮށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ އަމާޒަކީ އެ މާރކެޓުގައި ރާއްޖޭގެ ރީތި ނަން ދަމަހައްޓާ، ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލް ފަތުރުވެރިކަމުގެ އެއް މަންޒިލްގެ ގޮތުގައ އިޝްތިހާރުކުރުން ކަމަށެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އެގޮތުން މިދިޔަ ޖޫންމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް، އެޤައުމުން ރާއްޖެއަށްވަނީ 119967 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 14.8 އިންސައްތައެވެ.