ކުޅިވަރު

ގައުމީ މުބާރާތުން ސިފައިންނާއި ޕޮލިސް ޖާގަ ހޯދައިފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ ލީގުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތައް ކާމިޔާބުކޮށް، ގައުމީ މުބާރާތުން ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބު ޖާގަ ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި، ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗު ގުޑީސް ސްޕޯޓްސް ކުލަބާ ވާދަކޮށް ސިފައިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ގުޑީސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ގުޑީސްގެ ހަސަން ނިލާމް (ޕާޓޭ)ގެ މޮޅު އެޓޭކްތަކެއްވެސް ފެނިގެންދިޔައެވެ. އެކަމަކު ސެޓުގެ މެދުތެރެއިން ގުޑީސް ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގާ މި ސެޓު ސިފައިން ކާމިޔާބުކުރީ 29-27 އިންނެވެ.

މެޗުގެ ދެވަނަ ސެޓު އަދި ތިންވަނަ ސެޓުގައި ގުޑީސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓުގައި ސިފައިންގެ ޓީމުގެ ހުސެއިން ޝާހިދު (ޝާޑު) އާއި، އާދަމް ނަސީމް (އެޑަމާ) ގެ އިތުރުން އަޙްމަދު އަބްދުލް ކަރީމް (ލޯންގޭ) ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެއާއެކު މި ދެ ސެޓު ސިފައިން ކާމިޔާބުކުރީ، 25-17 އަދި 25-20 އިންނެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ އޮފު އެފްސީގެ މައްޗަށް ޕޮލިސް ކުލަބުން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ދެ ޓީމަށްވެސް ބޮޑު ލީޑަކާއެކު ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-23 އިންނެވެ.

މެޗުގެ ދެވަނަ އަދި ތިންވަނަ ސެޓުގައި އޮފުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު މި ދެ ސެޓު ޕޮލިހުން ވަނީ ފަސޭހަކަމާއެކު 25-16 އަދި 25-13 އިން ގެންގޮސްފައެވެ.

މި ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި ސްޕޯޓްސް ކުލަބް ސިޓީން އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސިފައިންނަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ޕޮލިސް އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.