ކުޅިވަރު

އެފްއޭއެމުން ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން އުވާލައިފި


ކުޅުންތެރިންނަށް މުސާރަ ނުދީ ހުރުމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސަސްޕެންޑުކުރި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ނިއުގެ ސަސްޕެންޝަން އުވާލިކަން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކުރެއްވި ޓްވީޓެއްގައި އިއުލާން ކޮށްފައެވެ.

އެފްއޭއެމުން މިދިޔަ މަހު ހަވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ނިންމީ ނިއުއިން ދަރަނީގެ ކަންކަން ނިންމިހާ އަވަހަށް އެ ކުލަބްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެފްއޭއެމުގެ ހިންގާ ކޮމެޓީއަށް ދިނުމަށެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ނިއުގެ ސަސްޕެންޝަން އުވާލުމަށް އެޖެންޑާ ކުރީ އަންގާރަ ދުވަހު ބޭއްވި ހިންގާ ކޮމެޓީ ބައްދަލުވުމަށެވެ. އެކަމަކު އެ ދުވަހު ސަސްޕެންޝަން އުވާނުލީ ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަންމުގެ މައުލޫމާތު ހިންގާ ކޮމެޓީއަށް ލިބިފައިނުވާތީ ރިވިއު ކުރުމަށެވެ.

އެފްއޭއެމުން ނިއުގެ ސަސްޕެންޝަން އުވާލާފައި މިވަނީ 1251 ދުވަސް ފަހުންނެވެ.

އެފްއޭއެމުން ނިއުގެ ސަސްޕެންޝަން އުވާލާފައި މިވަނީ މީގެ ކުރިން އެފްއޭއެމް ކޮންގްރެސްގައި ނިއުގެ ވާދަވެރި ކުލަބް ވިކްޓަރީ ސްޕޯޓްސް ކުލަބްގެ ސަސްޕެންޝަން ކޮންގްރެސްގައި އުވާލާފައި ވަނިކޮށެވެ. ވިކްޓަރީގެ ސަސްޕެންޝަން ވެސް އުވާލީ ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާގެ ކަންކަން ނިންމުމުންނެވެ.

މިދިޔަ މެއި މަހު ނިއު އިން އިންތިޚާބެއް ބާއްވާ ސަސްޕެންޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރިއިރު، ނިއު އިން ވަނީ ބިދޭސީ ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާ އެފްއޭއެމް މެދުވެރިކޮށް ދައްކާފައެވެ. އެއާއެކު ނިއުއަށް ފީފާއިން އަޅާފައިވާ ފިޔަވަޅު ވެސް އެ އިދާރާއިން ވަނީ އުވާލާފައެވެ.

އެފްއޭއެމުން ނިއުގެ ސަސްޕެންޝަން އުވާލާފައި މިވަނީ އެ ކުލަބުން ދެވަނަ ޑިވިޝަނުގައި ބައިވެރިވުމަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި ކޯޗު ސޮބާޙް މުޙައްމަދާއެކު ފަރިތަކުރުންތައް ފަށާފައިވަނިކޮށެވެ.