ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ 2022 ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅަވާލައިފިއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ކޯވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ޕީއެސްއެމުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޕީއެސްއެމް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މީޑިއާ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކްރިއޭޓިވް ޒުވާނުންނަށް ތަމްރީނާއި، ހުނަރާއި، މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާ ތަކަކަކީ ނޫސްވެރިކަން، ޓީވީ ޕްރޮޑަކްޝަން، ރޭޑިއޯ ޕްރޮޑަކްޝަން، ނިއުސް އެންކަރިންގ އަދި ޕްރެޒެންޓިންގ ފަދަ ދާއިރާތަކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް އިމްތިހާނުން 2 މާއްދާއިން ފާސްވުމާއި ޝިޕްޓް ޑިއުޓީ އަދާކުރުމާއި ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުން ހިމެނެއެވެ.
6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕީއެސްއެމް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބިގެންދާނެއެވެ. އަދި މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް، އެމްއެންކިޔުއެފް ލެވެލް 3 ގެ ޖާނަލިޒަމް ސެޓްފިކެޓް ހާސިލުކުރުމުގެ އިތުރުން، ކުންފުނީގައި މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރު މަރޗް 29 ގައި ފެށިފައިވާއިރު، މިބެޗްގައި ޖުމްލަ 16 ދަރިވަރަކު ބައިވެރި ކޮށްފައިވެއެވެ.
މިޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ދެވޭ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދަނީ ޕީއެސްއެމްގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމް.އެމް.އައި)އިންނެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ލިންކު https://forms.gle/vgpgNMh4Epn2yTzV9 މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެވޭނެއެވެ. އަދި ބައިވެރިވުމަށް ހުޅުވާލާފައިވާ އެންމެ ފަހުގެ މުއްދަތަކީ މިމަހުގެ 3 ވަނަ ދުވަހެވެ..