ކޯޓު އަމުރެއްގެ ދަށުން ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ރޭ މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލައި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި އަޙުމަދު އަދީބު މިހާތަނަށް ބަހައްޓަވާފައި ހުރީ ފުލުހުންގެ ކަސްޓޯޑިއަލެއް ކަމަށްވާ ދޫނިދޫގައެވެ. ކަރެކްޝަނަލް ސާރވިސުން ވިދާޅުވީ އަދީބު މާފުށީ ޖަލަށް ބަދަލްކުރެއްވީ ޤާނޫނު ބުނާގޮތުން މިހާރު އެނާ ބަހައްޓަން ޖެހޭނީ ރިމާންޑް ޖަލެއްގައިކަމަށް ވާތީކަމަށެވެ. ޖަލުތަކާއި ފެރޯލް ޤާނޫނު ބުނާގޮތުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ބައިތިއްބަން ޖެހޭނީ ޖަލުގައެވެ. އަދީބު ވަނީ ދޫނިދޫގައި ހުންނެވި ގޮޅީގައި އަވަހާރަފުޅުލައްޕަވަން ޖެހިވަޑައިގަންނަވަނީ 2 ފޫޓެއްހާ ދިގުމިނުގެ އަށްޓެއްކަހަލަ ތަނެއްގައި ކަމަށް ވިދާޅުވެ އެ ޝަކުވާ ކޯޓްގައި އުފުއްލަވާފައެވެ. އަދީބުގެ މައްޗަށް ގިނަ މައްސަލަތަކެއްގައި ތުހުމަތުކުރެވި އެ މައްސަލަތައް ތަޙުޤީޤްކުރައްވަމުންދާއިރު 2 މައްސަލައެއްގައި ދަޢުލަތުން އެނާއާއި ދެކޮޅަށް ދަޢުވާ އުފުލައްވާފައިވެއެވެ. މިގޮތުން މާލެ އަތޮޅު ފަޅެއް އަމިއްލަ ކުންފުންޏަކަށް 50 އަހަރަށް ކުއްޔަން ދިން މައްސަލައިގައި އަދީބާއި، ދެކޮޅަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލައި، އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށާފައެވެ. މީގެއިތުރުން އަދީބު ފިސްތޯލެއް ގެންގުޅުއްވިކަމަށް ބުނާ މައްސަލަ އެނާގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާވެސް ދައުލަތުން އުފުލާފައިވެއެވެ.