ޚަބަރު

ފިލްމީ ދާއިރާއާއި ދުރަށްދިޔަ ކެމަރަން ޑިއާޒް އަލުން ސްކްރީނަށް


ދަރިފުޅު ބަލަން ގޭގައި ހުންނަ ބޭނުންވާތީ، ފިލްމު ކުޅުމުގެ ވިސްނުމެއް ނެތްކަމަށް މީގެކުރިން ބުނެފައިވާ ހޮލީވުޑް މަޝްހޫރު ތަރި ކެމަރަން ޑިއާޒް އަނެއްކާވެސް ސްކްރީނަށް އަންނަ ތައްޔާރުވެއްޖެއެވެ.

އުމުރުން 49 އަހަރުގެ ކެމަރަންގެ މިފަހަރުގެ ފިލްމަކީ "ޖަންގޯ އަންޗެއިންޑް" ގެ ތަރި ޖެމީ ފޮކްސް އާއިއެކު ފެންނަ އެކްޝަން ކޮމެޑީ ފިލްމު "ބެކް އިން އެކްޝަން" އެވެ.

ޖެމީ އާއި ކެމެރަން ވަނީ މީގެކުރިން 1999 ވަނަ އަހަރު ދެއްކި ސްޕޯޓްސް ޑްރާމާ "އެނީ ގިވަނަ ސަންޑޭ" އަދި 2014 ވަނަ އަހަރު ދެއްކި "އެނީ" ގެ ރީމޭކްގައިވެސް އެކުގައި މަސައްކަތްކޮށްފައެވެ. "ބެކް އިން އެކްޝަން" އިއުލާނުކޮށް ކެމަރަން އަށް ފޯނުން ގުޅައިގެން ހުންނަ އޯޑިއޯ ފޮކްސް ވަނީ އޭނާގެ ޓްވީޓާގައި ހިއްސާކޮށްފައެވެ. ކެމެރަން ވެސް ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ފިލްމުގެ ވާހަކަ އިއުލާނުކޮށްފައެވެ.

ސެތް ގޯޑަން އާއި ބްރެންޑަން އޮބްރާޔަން ލިޔެފައިވާ ސްކްރިޕްޓަކަށް މި ފިލްމު ޑައިރެކްޓުކުރަނީ ސެތް އެވެ. ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވާ މި ފިލްމުގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންނަކީ ފޮކްސް، ޑޮޓާރީ ޓާނާ، އޮބްރަޔަން އަދި މާކް މެކްނަޔާ އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ގުޑް ވަން ޕްރޮޑަކްޝަން އާއި ގޯޑަން އެކްޒިބިޓް އިންނެވެ.

1990 ގެ ފަހުކޮޅާއި 2000 ގެ ކުރީކޮޅު ހޮލީވުޑްގައި އެންމެ ވިދާލި އެއް އަންހެން ބަޠަލާ ކެމަރަން ވަނީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. އޭގެ ތެރޭގައި "ދަ މާސްކް" އާއި "މައި ބެސްޓް ފްރެންޑްސް ވެޑިން" އާއި "ޗާލީޒް އެންޖެލް" ސީރީޒް އަދި "ގޭންގްސް އޮފް ނިއު ޔޯކް" އާއި "ނައިޓް އެންޑް ޑޭ"، "ވެނީލާ ސްކައި"، "ޝްރެކް"، "އަދި :ޗާލީސް އޭންޖަލް" ފަދަ އެތައް ފިލްމެއް ހިމެނެއެވެ.

ކެމަރެން އެންމެ ފަހުން ފެނިފައި ވަނީ 2014 ގެ "އެނީ" އިންނެވެ. 2015 ވަނަ އަހަރު ކައިވެނިކުރި ކެމެރަން އަށް ދަރިއަކު ލިބުނީ 2020 ވަނަ އަހަރު ކުރީކޮޅުގައެވެ. އޭނާގެ ފިރިމީހާ ބެންޖީ މެޑެން އަކީ މިއުޒިޝަނެއް، ޕްރޮޑިއުސަރެކެވެ.