ޚަބަރު

ސްނޭކް އައިލެންޑުން ރަޝިޔާ ސިފައިން ފައިބާ ޔޫކްރެއިނަށް ބޮޑު ކާމިޔާބީއެއް


ބްލެކް ސީގައިވާ ޔޫކްރެއިނުގެ ރަށެއް ކަމުގައިވާ ސްނޭކް އައިލެންޑުން ރަޝިޔާ ސިފައިން ފައިބައިފިއެވެ. ސްނޭކް އައިލެންޑަކީ ޔޫކްރެއިނުގެ އަސްކަރީ މަރުކަޒެއް ޤާއިމުކޮށްފައިވާ މުހިންމު ރަށެކެވެ. ރަޝިޔާ ސިފައިން މި ރަށް ހިފާފައި ވަނީ، ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފުރަތަމަ ދުވަހުއެވެ. އެ ރަށް މަޝްހޫރުވެފައި ވަނީ، ރަޝިޔާގެ ފައުޖުތަކުން ދިން އިންޒާރުތަކަށް ރައްދުދީ، އަމާން ދިނުމަށް ދެކޮޅު ހަދައި ޔޫކްރެއިން ސިފައިން ދެއްކި ހިތްވަރު ގަދަކަމުގެ އަމަލުތަކުގެ ވާހަކައިންނެވެ.

ރަޝިޔާ ސިފައިން ސްނޭކް އައިލެންޑުން ފައިބާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ޔޫކްރެއިންގެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަންދްރޭ ޔަރްމެކެވެ. އޭނާ ވިދާޅުވީ، ރަޝިޔާ ސިފައިން އެ ރަށުން ފަހައިލާފައި ވަނީ ޔޫކްރެއިން ސިފައިން ކުރި މިންނެތް މަސައްކަތުން ކަމުގައެވެ. އަދި، ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގެ ފައުޖުތަކުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އެ ރަށް ކައިރީގައި ހަރަކާތްތެރި ވަމުންދިޔަ ރަޝިޔާގެ މަނަވަރުތަކަށް ޔޫކްރެއިންގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީ، ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ، އެ ޤައުމުގެ ސިފައިން ސްނޭކް އައިލެންޑް ދޫކޮށް ފައިބާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އެ ވުޒާރާއިން ބުނީ، ސްނޭކް އައިލެންޑުން އެ ޤައުމުގެ ސިފައިން ފައިބާފައި ވަނީ، އެ ރަށް މެދުވެރިކޮށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާބޯތަކެތި އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމުގައެވެ. އަދި، މިއީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ "ހެޔޮފުޅު ކަމުން" ނިންމާފައިވާ ނިންމުމެއް ކަމުގައި ވެސް ބުންޏެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ކުރިމަތިވެފައިވާ ދަތިކަން ހައްލު ކުރުމާ ގުޅޭ ގޮތުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވަނީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލެވްރޮފާ ބުދަ ދުވަހު މަޝްވަރާ ކުރައްވާފައެވެ. އެ މަޝްވަރާތަކަށް ފަހު ރަޝިޔާއިން ބުނީ، މި ކަމުގައި އ.ދ.އަށް އެހީތެރިވެދޭން އެ ޤައުމުން ތައްޔާރަށް އޮތް ކަމުގައެވެ. ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ގޮވާމުގެ ބާވަތްތައް ހައްދައި އެކްސްޕޯޓް ކުރާ ދެ ޤައުމަކީ ރަޝިޔާއާއި ޔޫކްރެއިނެވެ.

ސްނޭކް އައިލެންޑުން ރަޝިޔާ ސިފައިން ފޭބުމަކީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ސިފަ ކުރައްވައެވެ. މިއީ، ރަޝިޔާގެ އުދުވާންތަކުން ޔޫކްރެއިން ދިފާޢުކޮށް، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރުމުގެ ޤާބިލިއްޔަތު ކަން ޔޫކްރެއިންގެ ސިފައިންގެ ކިބައިގައި ހުރި ކަން ރަމްޒުކޮށްދޭ މިސާލެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވައެވެ. އަދި، ފަހު ވަގުތު ރަޝިޔާ ސިފައިންނަށް ޖެހޭނީ ޔޫކްރެއިން ދޫކޮށް ފައިބަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްނޭކް އައިލެންޑަކީ އަސްކަރީ ނަޒަރަކުން ބަލާއިރު ވަރަށް ވެސް މުހިންމު ރަށެކެވެ. ސަބަބަކީ، އެ ރަށުގައި މިސައިލް ސިސްޓަމް ފަދަ ދިފާޢީ ނިޒާމުތައް ޤާއިމުކޮށްފި ނަމަ، ބްލެކް ސީގެ ވައިގެ އަދި ކަނޑުގެ ސަރަޙައްދު ކޮންޓްރޯލް ކުރުމުގެ ބާރު ލިބޭތީއެވެ. ނަމަވެސް، ރަޝިޔާއިން އެ ރަށް ހިސާރުކޮށްފައި އޮތް އިރު، އެ ކަން ކާމިޔާބު ކުރެވިފައި ނުވާ ކަމަށް އިނގިރޭސި ވިލާތުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

ސްނޭކް އައިލެންޑުން ރަޝިޔާ ސިފައިން ފޭބުމުން، ބްލެކް ސީގެ އައްސޭރި ފަށުގެ ރަށްތަކުގައިވާ ބަނދަރުތަކުގައި ތާށިވެފައިވާ ގޮވާމާއި އެހެނިހެން ކާނާގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ޔޫކްރެއިނަށް މި ވަނީ ހުޅުވިފައެވެ. ނަމަވެސް، ޔޫކްރެއިންގެ އައްސޭރި ފަށުގެ ސަރަޙައްދުތަކަށް ކަނޑުމަގުން ރަޝިޔާ ސިފައިންނަށް އެރުމަށް ހުރަސް އެޅުމުގެ ގޮތުން ބްލެކް ސީގައި ހަރުކޮށްފައިވާ ކަނޑުގެ މައިންތައް އެ ޤައުމަށް ނަގަން ޖެހޭނެއެވެ.