ޚަބަރު

ދަތިކުރުމުގެ ފިޔަވަޅުތަކާއި ހަނގުރާމަ އިޢުލާނު ކުރުމާ އެއްފަދަ: ރަޝިޔާ


ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ބާރުތަކުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، އެ ޤައުމާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމާ އެއްފަދަ އަމަލުތަކެއް ކަމުގައި އެ ޤައުމުގެ ސަލާމަތީ މަޖިލީހުގެ ޗެއާމަންގެ ނައިބު ދިމިތްރީ މެޑްވެޑޭފް ސިފަ ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ، ހުޅަނގުގެ އަމަލުތަކަކީ ހަނގުރާމައާ އެއް ފަދަ އަމަލުތަކެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު ރަޝިޔާއަށް އޮތް ކަމުގައެވެ.

އަދި، ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފަހަތުގައިވާ ޤައުމުތަކާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމުގެ ޙައްޤު އެ ޤައުމަށް މިހާރު އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ކުރިން ރަޝިޔާގެ ރައީސްގެ މަޤާމު ވެސް ފުރުއްވާފައިވާ މެޑްވެޑޭފް ފާހަގަ ކުރެވިފައި ވަނީ މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް، ފަހަކަށް އައިސް އޭނާއަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ތާޢީދުކޮށް، ރަޝިޔާގެ އަމަލުތައް ދިފާޢު ކުރެއްވުމުގައި އެންމެ އަޑުހަރުކޮށް ވާހަކަފުޅު ދައްކަވާ އެއް ބޭފުޅާއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ސިފައިންގެ ފައުޖުތައް ޔޫކްރެއިނަށް ފޮނުވާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި، އެ ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި އެ ޤައުމުގެ އިރުމަތީގެ ޑޮންބެސް ސަރަޙައްދުގެ ގިނަ ރަށްތަކަކަށް ވަނީ އަތްގަދަ ކޮށްފައެވެ. ނަމަވެސް، މިއީ ހަނގުރާމައެއްގެ ގޮތުގައި ރަޝިޔާއިން ޤަބޫލެއް ނުކުރެއެވެ.

ޕުޓިން ވިދާޅުވަނީ، ރަޝިޔާއިން ޔޫކްރެއިނަށް އަރާފައި ވަނީ "ނާޒީން"ގެ އަތްދަށުން އެ ޤައުމު މިނިވަން ކުރުމަށް ކަމުގައެވެ. ރަޝިޔާއިން ފަށާފައިވާ ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ވަނީ އެ ޤައުމާ ދެކޮޅަށް އިޤްތިޞާދީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.