ޚަބަރު

މަކުނުވިދުރިއާ ކުރިމަތިލާނެ ވަސީލަތްތަކެއް އެފްރިކާގައި ނެތް


މަކުނުވިދުރި ފެތުރުން ހުއްޓުވުމަށް ބޭނުންވާ ވަސީލަތްތަކާއި ޤާބިލިއްޔަތުކަން އެފްރިކާގެ ޤައުމުތަކުގައި ނެތް ކަމަށް ބައިނަލްއަޤްވާމީ ޞިއްޙީ އިދާރާތަކުން ބުނެފިއެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވެކްސިނާއި، މި ބައްޔަށް ޓެސްޓު ކުރުމަށް ބޭނުންވާ ކިޓުތައް ހުރީ ވަރަށް މަދު ޤައުމެއްގައި، ވަރަށް މަދު އަދަދަކަށް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެއެވެ.

މަކުނުވިދުރިއަކީ ވައިރަސްއެއްގެ ޒަރީޢާއިން ފެތުރޭ ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ، ދުނިޔޭގައި މީގެ ކުރިން ވެސް މަދުމަދުން ފެންނަމުންދާ ކަށިވިދުރީގެ ޢާއިލާއަށް ނިސްބަތްވާ ބައްޔެކެވެ. މި ބަލީގެ ޢަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، ވަރުބަލިކަން އިޙުސާސްވުމާއި، ބޮލުގައާއި ކަރުގައި ރިއްސުން ހިމެނެއެވެ. މީގެ އިތުރުން، ކިހިލިފަތީގައާއި އުކުޅުވަޅުގައި ގޮށްލުމަކީ ވެސް މި ބަލީގެ ޢަލާމާތެކެވެ.

އެފްރިކާގެ ޤައުމުތަކަށް ޑަބްލިޔު.އެޗް.އޯ.އިން ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ޑރ މަޓްޝިޑީސޯ މޮއޭޓީ ވަނީ އެފްރިކާގެ ބައެއް ޤައުމުތަކުގައި މި ބަލި ފެތުރެމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު ކަން ހިނގާފައިވާ ގޮތަށް، އެ ޤައުމުތަކަށް ވެކްސިން ފޯރުކޮށް ނުދެވިއްޖެ ނަމަ، ހާލަތު ވަރަށް ގޯސްވާނެ ކަމުގައެވެ. އެފްރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ ފަހުން މި ބަލި ފެނިފައި ވަނީ ގާނާއާއި މޮރޮކޯގެ އިތުރުން ދެކުނު އެފްރިކާއިންނެވެ.
އެފްރިކާގެ 13 ޤައުމަކުން މި ބައްޔަށް ޝައްކު ކުރެވޭ 1,821 ކޭސް ފެނިފައިވާ ކަމަށާއި، ނަމަވެސް ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުން އެއީ މަކުނުވިދުރިގެ ކޭސްތަކެއް ކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށް އެފްރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީ.ޑީ.ސީ) އިން ބުނެއެވެ. އެފްރިކާގައި މިހާތަނަށް ޓެސްޓުކޮށް ކަށަވަރު ކުރެވިފައި ވަނީ އެންމެ 109 ކޭސްއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 ޤައުމަކުން މި ބަލި މިހާރު ވަނީ ފެނިފައެވެ. އަދި، މި ބަލި ޖެހުނު މީހުންގެ އަދަދު 4,300 އަށް އަރާފައިވާއިރު، މީގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ ވިލާތުގެ ޤައުމުތަކުންނެވެ.