ޚަބަރު

އިންޑިޔާގައި ބިންގަނޑު ކަނޑައިގެންގޮސް 7 މަރު


އިންޑިޔާގެ އިރުއުތުރުގެ ސްޓޭޓެއް ކަމުގައިވާ މަނިޕޫރުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 7 މީހުން މަރުވެ، އިތުރު 55 މީހުން ގެއްލިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މަނިޕޫރުގެ ފަރުބަދަމަތީ ސަރަޙައްދެއްގައި ރޭލު ދަގަނޑު އެޅުމުގެ މަސައްކަތް ކުރަމުންދިޔަ ކޮންސްޓްރަކްޝަން ސައިޓެއް ކައިރިންނެވެ.

މި ހާދިސާގައި ފައިބާފައިވާ ވެއްޔާއި ކިސަޑުތަކުގެ ދަށުގައި ބަންދުވެފައިވާ ކަމަށް ބެލެވޭ 19 މީހަކު ސަލާމަތް ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ މަސައްކަތްތަކަށް ވަނީ ހުރަސްއެޅިފައެވެ. އަދި، އެ 19 މީހުން ދިރިތިއްބާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ.

ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ ހިނގި ވަގުތު އެ ކޮންސްޓްރަކްޝަން ސައިޓުގައި ޖުމުލަ 88 މީހުން ތިއްބެވެ. މީގެ ތެރޭގައި ގިނައީ އިންޑިޔާގެ އަސްކަރިއްޔާގެ ޓެރިޓޯރިއަލް އާމީގެ ސިފައިންނެވެ. އެ މީހުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ގޮސްފައި ވަނީ، ކޮންސްޓްރަކްޝަން ސައިޓުގެ ސަލާމަތީ ކަންކަން އިންތިޒާމު ކުރުމަށެވެ.

މި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރެ މޯދީ ވަނީ، މަނިޕޫރުގެ ޗީފް މިނިސްޓަރަށް ގުޅުއްވައި، ގެއްލުނު މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސާފު ކުރައްވާފައެވެ. އަދި، މި ކަމުގައި މައި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވިދާޅުވެފައެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އިންޑިޔާގެ ކާރިސާތަކާ ބެހޭ އިދާރާތަކުގެ އިތުރުން، އަސްކަރިއްޔާގެ ސިފައިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ސަރަޙައްދުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ އިތުރު ހާދިސާތަކެއް ހިނގައިފާނެ ކަމުގެ އިންޒާރު ދީފައި ވާތީ، އެ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.