ކުޅިވަރު

ރިޔާސީ އިންތިޚާބުގައި ވައުދުވި އަދަދަށްވުރެ ގިނަ ފުޓްބޯޅަ ދަނޑުތައް ނިމިއްޖެ: މަޚްލޫފް


ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަރައްގީ ކޮށްދެއްވަން ވައުދުވެވަޑައިގަތް ފުޓްބޯޅަ ދަނޑުތަކުގެ އަދަދަށްވުރެ، މި ދައުރުގެ މިހާތަނަށް ތަރައްގީކޮށްދެއްވި ދަނޑުތަކުގެ އަދަދު އިތުރުކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ދަނޑުތައް ތަަރައްގީކުރުމުގެ ވިސްނުމުގައި ރައީސް ޞާލިިޙް ވަނީ ރިޔާސީ އިންތިހާބުގައި ޖުމްލަ 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްގީކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރައީސް ޞާލިިޙުގެ ސަރުކާރުގެ މި މުއްދަތުގެ ތެރޭގައި އެކަނިވެސް ތަރައްގީކުރި ފުޓުބޯޅަ ދަނޑުތަކުގެ އަދަދު އެތައް ގުނައެއް އިތުރެވެ. މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް 40 ވަރަކަށް ދަނޑުގެ މަސައްކަތްނިމި އަދި 85 ރަށުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި ހއ. އިހަވަންދޫ ފުޓުބޯޅަ ދަނޑު ނިމިފައިވާތީ އުފާކުރައްވާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މިހާރުވެސް ގިނަ އަދަދެއްގެ ދަނޑުތަކެއްގެ މަސައްކަތް ދަނީ ކުރިޔަށެވެ. މީގެތެރެއިން ބައެއް ދަނޑުތަކުގެ ސަބް ބޭސްގެ މަސައްކަތް ކުރިޔަށްދާއިރު އަނެއްބައި ދަނޑުތަކުގައި ކުރިޔަށްދަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ.

އެންމެފަހުން ރަސްމީކޮށް ހުޅުވާފައިވަނީ ކ.ގުރައިދޫގެ ޓާފް ދަނޑެވެ. މި މަހުގެ 19 ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.