ޚަބަރު

މޫސުން ގޯސްވެ، ރޭ އެކަނިވެސް ކަނޑުމަތީގެ 7 ހާދިސާ


ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ކަނޑުމަތީގެ 7 ހާދިސާއެއް ރޭ ހިނގާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ރޭގެ ވަގުތެއްގައި "ކްރޫޒާ" ނަމަކަށް ކިޔާ ދޯންޏެއް ބަނޑުންޖަހާލާ މީހަކު ގެއްލިގެން އުޅޭކަމުގެ ޙަބަރު ލިބިގެން އެމްއެންޑީއެފްގެ ކޯސްޓުގާޑަށް ލިބިގެން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި ރޭގެ 8:20 ހާއިރު ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ތުޅާގިރި ކައިރިން ދަތުރުކުރަމުންދިޔަ "ޑެންގޫ ލޯންޗް" ކިޔާ ލޯންޗެއް ކަނޑު ގަދަވުމުގެ ސަބަބުން ލޯންޗު ދިޔަވާކަމަށް އެލޯންޗުން ރޭ 20:15 ގައި އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ އެ އުޅަނދުގެ ހާލަތު ކޮންޓްރޯލްކޮށް އެ ސަރަހައްދުގައި ހަދަމުންދާ ލޯބިގިލި ރިސޯޓުގެ ބަނދަރަށް އެ އުޅަނދު ވައްދާފައިކަމަށެވެ.

ކޯސްޓުގާޑަށް ރޭގައި ރިޕޯޓްކުރި އަނެއް ހާދިސާއަކީ "ލަކީ ސްޓާރ" ނަމަކަށް ކިޔާ ލޯންޗު ދިޔަވި ހާދިސާއެވެ. މިކަމާއި ގުޅިގެން ސަލާމަތްތެރިކަމާއިއެކު އެއުޅަނދު ދިޔަވުން ކޮންޓްރޯލްކޮށް ކ.ގާފަރު ބަނދަރަށް އުޅަނދު ވައްދައިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގަދަޔަށް ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން އެމްޕީއެލް ސަރަހައްދުގައި އޮތް ދެބާޖެއްގެ ވާ ކަނޑައިގެންގޮސް ފުނަދޫއާ ކައިރިވަމުން ދިޔަކަމުގެ މަޢުލޫމާތު ރޭގެ 20:49ގައި އެމްއެންޑީއެފަށް ވަނީ ލިބިފައެވެ. ނަމަވެސް އެމްޕީއެލްގެ ޓާގް ބޯޓްތައް ނެރެ މި ދެބާޖު ވަނީ އެމްޕީއެލް ސަރަހައްދަށް ވައްދާފައެވެ.

އަދި ކ.ރީތިރަށް ކައިރިން ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ކައިރީގައި އޮންނަ ފިނޮޅުގައި ބީހުމުގެ ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވަނީ އޭގައި ތިބި ފަތުރުވެރިން އެހެން ލޯންޗެއްގައި ރީތިރަށް ރިސޯޓަށް ގެންގޮސްްފައެވެ.

ކަނޑުގަދަވުމާއި ގުޅިގެން ރޭ ކަނޑުމަތީގައި ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުންލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ދުވަސްވަރު ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާއިރު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ދަތުރަށް ފެށުމުގެ ކުރިން މޫސުމާއިބެހޭ އިދާރާއިން ދީފައިވާ މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބެލުމަށްފަހު ނޫނީ ދަތުރުނުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.