ޚަބަރު

އެމެރިކާއިން ތުރުކީވިލާތަށް އަސްކަރީ މަތިންދާބޯޓު ވިއްކަނީ


ތުރުކީ ވިލާތުގެ އަސްކަރީ ޤާބިލިއްޔަތުކަން އިތުރު ކުރުމަށް އެ ޤައުމަށް އަސްކަރީ މަތިންދާބޯޓުތަކެއް ވިއްކުމަށް އެމެރިކާއިން އެއްބަސްވެއްޖެއެވެ. ތުރުކީ ވިލާތުން ގަންނަން މަސައްކަތް ކުރަމުން ދަނީ އެމެރިކާގައި އުފައްދާ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކެކެވެ.

އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓަގަންގެ އެސިސްޓެންޓް ސެކްރެޓަރީ ސެލެސްޓް ވޮލެންޑަރ ވިދާޅުވީ ތުރުކީ ވިލާތަށް އިތުރު އަސްކަރީ މަތިންދާބޯޓުތަކެއް ވިއްކުމަށް އެ ޤައުމުން ނިންމާފައި ވަނީ، ނޭޓޯގެ ޤައުމުތަކުގެ އަސްކަރީ ޤާބިލިއްޔަތުކަން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމުގައެވެ. އެމެރިކާއަކީ ވެސް ހުޅަނގުގެ ޤައުމުތަކުގެ އަސްކަރީ ގުޅުން ކަމުގައިވާ ނޭޓޯގެ މެންބަރު ޤައުމެކެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ލޮކްހީޑް މާޓީން ގުރޫޕުން އުފައްދާ އެފް-16 މަރުކާގެ 40 މަތިންދާބޯޓުގެ އިތުރުން، ތުރުކީ ވިލާތުގެ އަސްކަރިއްޔާއިން މިހާރު ވެސް ބޭނުން ކުރަމުންދާ އަސްކަރީ މަތިންދާބޯޓުތައް ޒަމާނީ ކުރުމަށް ބޭނުންވާ ސާމާނު އެމެރިކާއިން އެ ޤައުމަށް ފޯރުކޮށްދޭނެއެވެ. އެމެރިކާގެ މި ނިންމުމަކީ ތުރުކީ ވިލާތަށް ދިން ހަދިޔާއެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ސަބަބަކީ، ނޭޓޯގެ މެންބަރުކަން ހޯދުމަށް ފިންލެންޑާއި ސްވިޑްން ކުރަމުންދިޔަ މަސައްކަތްތަކަށް ތުރުކީ ވިލާތުން ހުރަސްއެޅުން ހުއްޓައިލުމަށް އެއްބަސްވުމެވެ. ތުރުކީ ވިލާތުގެ މި ނިންމުމާ އެކު، އެ ދެ ޤައުމަށް ނޭޓޯއާ ގުޅުމުގެ ފުރުޞަތު މި ވަނީ ހުޅުވިފައެވެ. ތުރުކީ ވިލާތުން ކުރިން މި ކަމާ ދެކޮޅު ހަދަމުން ގޮސްފައި ވަނީ، އެ ދެ ޤައުމުން ކުރުދީ ހަނގުރާމަވެރިންނަށް ވާގިވެރިވެދޭ ކަމަށް ތުހުމަތުކޮށެވެ.