ޚަބަރު

ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ސަރުކާރުން މަޝްވަރާކުރަނީ


ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންނާއެކު ސަރުކާރުން މަޝްވަރާކުރަން ފަށައިފިއެވެ.

ސަރުކާރުން ޓެކްސީ ޑްރައިވަރުންނާއެކު މަޝްވަރާތައް ފަށާފައި މިވަނީ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއި ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުން ޑިމާންޑްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންނާއެކު މަޝްވަރާތައް މިހާރު ކުރަމުންދާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަޝްވަރާތަކުގެ ތެރެއިން ޓެކްސީ ދަތުރުތަކަށް މިހާރު ނަގަމުން އަންނަ އަގުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާކަމެކެވެ.

ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، އެހެނިހެން ބައެއް ޓްެރާންސްޕޯޓް ހިދުމަތްތަކުގެ އަގުތަކަށް ބަދަލު އައިނަމަވެސް، ޓެކްސީތަކުގެ އަގުތަކަށް ބަދަލު ގެނައުމުގެ ފުރުޞަތު ނެތުމަކީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމެކެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިވާއިރު މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 16.55 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ 16.77 ރުފިޔާއަށެވެ. މިފަހަރު އަގަށް އައި ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 1.95 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 1.97 ރުފިޔާ ވަނީ ބޮޑުވެފައެވެ.

ތެލުގެ އަގު އެންމެ ފަހުން ބޮޑުކުރީ 5 މާރިޗު 2022 އިން ފެށިގެންނެވެ. އެއިރު ބޮޑުކުރީ ޕެޓްރޯލް ލީޓަރެއް 14.60ރ އަށް އަދި ޑީސަލް ލީޓަރެއް 14.80ރ އަށެވެ.

ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު އުފުލެން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ ރަޝިއާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކެވެ.