ކުރިއަށް އޮތް ބޮޑު ޗުއްޓީ ދުވަސްވަރަކީ ދަރިވަރުންނަށް އުފާވެރި ތަޖުރިބާތަކެއް ލިބޭފަދަ ދުވަސްތަކަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބެލެނިވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.
އެކަމަނާވަނީ އެދުވަސްތަކަކީ ކުދިންނަށް އެކުދިންގެ ދިރިއުޅުމުގައި ބޭނުންކުރެވޭނެ ދާއިމީ ހުނަރުތަކެއް ދަސްކޮށްދިނުމަށް ބެލެނިވެރިންނާއެކު ހޭދަކުރާ ވަގުތުތަކަށް ހެއްދެވުމަށް އިލްތިމާސްކުރައްވާފައެވެ.
ބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވީ ޢާއްމުގޮތެއްގައި ބޮޑު ޗުއްޓީގައި ބެލެނިވެރިން ދެން އޮންނަ ގްރޭޑަކަށް ކުދިން ތައްޔާރުކުރުމަށް ފޮތްތަކަށް އަހުލުވެރިކުރުވުމަށް މަސައްކަތްކުރައްވާކަމަށެވެ. ތަޢުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ލިބިވަޑައިގެންފައިވާތީ ތަޖުރިބާގެ އަލީގައި އެކަމަނާ ވިދާޅުވީ މިއީ ބޭނުންތެރިކަމެއްގެ ގޮތުގައި ގިނަފަހަރަށް ކުރެވޭކަމެއްނަމަވެސް އެގޮތަށް ކަންތައް ކުރުމުން ކުދިންނަށް ސްކޫލްގައި އެފިލާވަޅު ނަގައިދޭވަގުތު ފިލާވަޅު މަތިން ފޫހިވާގޮތްވާކަމަށެވެ.
އެހެންކަމުން މިދުވަސްވަރަކީ ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ހެއްދެވުމަށް ފަޒްނާ ވަނީ ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ސްކޫލް ޗުއްޓީއަކީ ޙަގީގަތުގައިވެސް ޗުއްޓީއެއްގެ ގޮތުގައި ހައްދަވާދެއްވާ ކުދިންނަށް އުފާވެރި ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ހޯޑައިދެއްވުމަށް އެކަމަނާވަނީ އެދިވަޑައިގަންނަވާފައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލް ފަދަ ސްކޫލްތައް ހިނގުމުގައި ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ދެވެއްވަމުން ގެންދަވާ އެހީގެ ދަށުން ކުދިން ބޮޑެތިވަމުންދަނީ މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކުކަން ފެންނަމުންދާކަމަށެވެ. ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުވަނީ މިރަސްމިއްޔާތުގައި ދަސްވެނިވި 27 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވާފައެވެ.
މިހަފްލާގައި ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލުން ދަސްވެނިވި ހުރިހާ ދަރިވަރުންގެ ނަން ހިމެނޭ ކުރެހުމެއް ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދަށްވަނީ ހަދިޔާކުރައްވާފައެވެ. ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލަކީ 233 ކުދިންނާއި އެކު 2012 ވަނަ އަހަރު ފެށުނު ޕްރީސްކޫލެކެވެ. މިއަހަރުގެ ޖޫން މަހު ސްކޫލުގެ ނަން ވަނީ ޗައިމްސް ޕްރީ ސްކޫލުގެ ނަމަށް ބަދަލުކޮށްފައެވެ.