ކުޅިވަރު

އޮރީގީ މިލާނަށް ބަދަލުވަނީ


އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅެމުންދިޔަ ބެލްޖިއަމްގެ ފޯވަޑް ޑިވޮކް އޮރީގީ އިޓާލިއަން ލީގުގެ ޗެމްޕިއަން އޭސީ މިލާނަށް ބަދަލުވުމުގެ ކުރިން މެޑިކަލް ހެދުމަށް އިޓަލީވިލާތަށް ހިނގައްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޮރީގީ މިލާނާއި ގުޅެނީ ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ.

އޮރީގީ ވަނީ ލިވަޕޫލްގެ އެއްބަސްވުން ހަމަވުމާއެކު އޭނާ މިލާނަށް ސޮއިކުރާނެކަން ކުރިން ހާމަކޮށްފައެވެ. އޮރީގީއަކީ ލިވަޕޫލްގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ލިބޭ ކުޅުންތެރިޔަކަށް ނުވި ނަމަވެސް އޭނާވަނީ އެޓީމަށް ވަރަށް މުހިންމު ވަގުތު ތަކުގައި ވަރަށް މުހިންމު ލަނޑުތަކެއް ޖަހާދީފައެވެ. މިގޮތުން 2019 ވަނަ އަހަރު ގެޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޓޮޓްނަމް ހޮޓްސްޕަރ ކޮޅަށް ޖެހި ލަނޑު ހިމެނެއެވެ.

2014 ވަނަ އަހަރު ލިވަޕޫލާއި ގުޅުނު އޮރީގީވަނީ މިހާތަނަށް އެޓީމަށް 175 މެޗް ކުޅެދީ 41 ލަނޑު ޖަހާދީފައެވެ. ގިނަ އަހަރު ތަކަކަށްފަހު ސެރީއާގެ ޗެމްޕިއަންކަން ހޯދި މިލާނުން އަންނަނީ އާސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.