ކުޅިވަރު

އާސެނަލަށް ބަދަލުވުމުގެ ކުރިން ޖެސޫސް މެޑިކަލް ހަދަނީ


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ފޯވަޑް ލައިންގައި މޮޅު ކުޅުމެއް މިދިޔަ ސީޒަންގައި ދެއްކި ބްރެޒިލްގެ ގެބްރިއެލް ޖޭސުސް އާސެނަލްއަށް ބަދަލުވުމުގެ ކުރިން މެޑިކަލް ހަދަން ތައްޔާރު ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އާސެނަލްއިން ޖޭސުސް ގެންދަނީ 45 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއެއްގެ ދަށުންނެވެ.

އުމުރުން 25 އަހަރުގެ ޖޭސުސް ގެންދިއުމަށް ޕްރިމިއަރ ލީގުގެ އިތުރުން ޔޫރަޕްގެ ގިނަ ކްލަބްތަކަކުން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އެންމެ ފަހުން ނިންމީ އާސެނަލްއަށް ބަދަލުވާށެވެ. އާސެނަލްއަކީ ސިޓީގެ ކުރީގެ އެސިސްޓަންޓް ކޯޗް މިކެލް އާޓެޓާ ކޯޗް ކޮށްދެމުންދާ ކްލަބެވެ.

2017 ވަނަ އަހަރު ސިޓީ އާއި ގުޅުނު ޖޭސުސްވަނީ މިހާތަނަށް 236 މެޗް ކުޅެދީ 95 ލަނޑު ސިޓީއަށް ޖަހާދީފައެވެ. މިމުއްދަތުގައި އޭނާވަނީ ސިޓީއަށް ޕްރިމިއަރ ލީގުގެ ތަށި ހަތަރު ފަހަރު އަދި ލީގު ކަޕްގެ ތަށި ތިންފަހަރު އަދި އެފްއޭ ކަޕް އެއްފަހަރު ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެދީފައެވެ.

އާސެނަލްއިން އަންނަނީ މިއަންނަ ސީޒަނަށް އެޓީމް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުން ތެރިން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާތަނަށް އާސެނަލްއިން ވަނީ ޕޯޓޯއިން ފަބިއޯ ވިއެރިރާ 34 މިލިއަން ޕައުންޑަށް ގެންގޮސްފައެވެ. އަދި ލީޑްސްގެ ބްރެޒިލް ޕްލޭ މޭކަރ ރަފީނިއާ ގެންދިއުމަށްވެސް އެކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.