ޚަބަރު

ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރަން ގޮތެއް ނިންމާނީ ކައުންސިލުން: ޤާސިމް


އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނެކަމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. "ތައްޔާރު" ނަމުގައި ރޭ ޖުމްހޫރީ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޤާސިމްވަނީ ރިޔާސީ އިންތިޚާބުގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ޤާސިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައި ހިންގަނީ އިންތިޚާބުތަކުގައި ވާދަކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމަށްކަމުގައެވެ. މަލްޓިޕާޓީ ނިޒާމުގެ ތެރެއިން މިހާތަނަށް ރާއްޖޭގައި އުފެދުނު ހުރިހާ ވެރިކަމެއްވެސް އުފެދުނީ ޖުމްހޫރީ ޕާޓީގެ ހިއްސާ އޮވެގެންކަމަށާއި، ނަމަވެސް ވެރިކަމަށް އައުމަށް ހެދޭ އެއްބަސްވުންތަކަށް އެއްވެސް ކޯލިޝަނުން އިހުތިރާމް ނުކުރާކަމަށް ޤާސިމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ވާދަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން ޤާސިމް ވިދާޅުވީ ޕާޓީގެ އަސާސްތަކާއި އެއްގޮތަށް ކެނޑިޑޭޓަކު ނެރުމަށް ހަމަޖެހިފައިވާކަމަށެވެ. ނަމަވެސް ނެރޭ ކެނޑިޑޭޓަކީ ޕާޓީން އެކަނި ވާދަކުރާ ކެނޑިޑޭޓެއްތޯ ނޫންނަމަ ކޯލިޝަނެއްގެ ތެރެއިން ވާދަކުރާނެ ކެނޑިޑޭޓެއްތޯ ނިންމާނީ އެޕާޓީގެ ކައުންސިލުން ކަމަށް ޤާސިމް ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގައި ބައިވެރިވުމަށް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން، އެހެންވީމަ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ޓާގެޓް ހާސިލް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެހާހިސާބަށް ދިއުމަށް ތައްޔާރުވެއްޖެއްޔާ އަޅުގަނޑުމެންގެ ކައުންސިލުން ނިންމާނެ. ދެން މިމަސައްކަތް ކުރާއިރު އަޅުގަނޑުމެން ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ އަޅުގަނޑުމެން އެކަނިތޯ، ނުވަތަ ދެކަނިތޯ ދާނީ އެކަން ނިންމާނީ އަޅުގަނޑުމެންގެ ކައުންސިލުން." ޤާސިމް ވިދާޅުވިއެވެ.

މިޖަލްސާގައި ޤާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކޯވިޑް މެނޭޖްކުރި ގޮތަށް ތަޢުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ކޯވިޑްގެ އެންމެ ދަތި ހާލަތުގައި މުޅި ދުނިޔެ އޮތްއިރު، ރައީސުލްޖުމްހޫރިއްޔާގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތަށް ޤާސިމް ވަނީ ތަޢުރީފް ކުރައްވާފައެވެ. އަވަށްޓެރި ޤައުމުތަކުގެ ތެރެއިން ސްރީލަންކާގެ ހާލަތަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވީ އެހާލަތު ދިވެހިން ތަހައްމަލު ކުރަން ނުޖެހުނީ ރައީސުލްޖުމްހޫރިއްޔާގެ ހަރުދަނާ އިޤްތިސާދީ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިހާތަނަށް ކޮށްދެއްވި އިޚްލާސްތެރި މަސައްކަތަށް ޝުކުރު ދަންނަވަން. ލަންކާގެ ހާލަތު އޮތް ގޮތް އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނެ. އެކަމަކު އެ ހާލަތަށް މި ރާއްޖެ ނުދޭ." ރައީސްއަށް ތަޢުރީފް ކުރައްވަމުން ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެޕާޓީން އެންމެ ބޮޑު މަސައްކަތެއް ކުރާނީ ރިޔާސީ އިންތިޚާބުގެ ކުރިން އެޕާޓީގެ މެމްބަރުންގެ އަދަދު 30،000 އަށް އިތުރު ކުރަންކަމަށެވެ. އެމަސައްކަތާއިއެކު މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ޕާޓީގެ އިތުރު ގޮފިތައް ހަދައި، ކޮންގްރެސްއަށް ވާންޖެހޭ ތައްޔާރީ ވުމަކީ ކުރަން އޮތް އެންމެ މުހިންމު މަސައްކަތްތަކުގެ ގޮތުގައި ޤާސިމް ވަނީ ވިދާޅުވެފައެވެ.