ދުނިޔެ

ޙައްޖުގެ އަޅުކަމުގެ އަގު ބޮޑުތަނުން އުފުލެނީ


ޙައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ސަރަހައްދުން ދަތުރުކުރާ މީހުން ހޭދަކުރަންޖެހޭ ވަރު އިތުރުވަމުން އަންނަކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ. ޙައްޖުގެ ދަތުރަށް ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރުވެފައި މިވަނީ ސައުދީން ނަގާ ޓެކްސްގެ އަދަދުތައްވެސް އިތުރުވުމާއި ގުޅިގެންނެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަކީ މުސްލިމް ކޮންމެ ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ކޮންމެ އަހަރެއްގެ ޙައްޖު މޫސުމުގައި އެތައް މިލިޔަން މުސްލިމުންނެއް ސަޢޫދީ ޢަރަބިއްޔާގެ މައްކާގައިވާ މާތްاللهގެ ގެފުޅު ކައިރިއަށް ޖަމާވެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު، ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް މައްކާއަށް ދަތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، 2019 ވަނަ އަހަރު އެކަނިވެސް ޙައްޖުގެ އަޅުކަމުގައި 2.5 މިލިޔަން މުސްލިމުން ބައިވެރިވިއެވެ.

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް ސަޢޫދީ ޢަރަބިއްޔާއިން ފުރުޞަތު ހުޅުވައިލާފައިވާ އިރު، ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާ ތެލާއި އެހެނިހެން ތަކެތީގެ އަގުތަކާ އެކު ޙައްޖަށް ދިޔުމަށް ކުރަން ޖެހޭ ހޭދަ ވެސް މި ވަނީ އިތުރުވެފައެވެ. ވައިގެ އުދުހުންތަކުގެ އަގު ވެސް މި ވަނީ އުފުލިފައެވެ. އަދި، ޙައްޖާޖީންގެ ކަންކަން ފުރިހަމަ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ނަގާ "ވެލިއު-އެޑެޑް ޓެކްސް (ވީ.އޭ.ޓީ)ގެ ރޭޓު ވެސް މި ވަނީ 5 އިންސައްތައިން 15 އިންސައްތައަށް ބޮޑުވެފައެވެ.

އަލްޖަޒީރާއިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ޢަރަބި ޤައުމުތަކުގެ ތެރެއިން ޙައްޖުގެ އަޅުކަމަށް އެވުރެޖުކޮށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ޤަޠަރުގެ ރައްޔިތުންނަށެވެ. އެ ޤައުމުން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކޮށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ކޮންމެ ޙައްޖާޖީއަކު 10,971 އެމެރިކާ ޑޮލަރު ހޭދަކުރަން ޖެހެއެވެ.

ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގެ ރައްޔިތުންނެވެ. އެ ޤައުމުގެ ޙައްޖާޖީން 10,821 އެމެރިކާ ޑޮލަރު ހޭދަ ކުރަން ޖެހެއެވެ. އަދި، ތޫނިސްގެ ރައްޔިތުން ޙައްޖުގެ އަޅުކަން ކުރުމަށް 9,884 އެމެރިކާ ޑޮލަރުގެ ޚަރަދު ކުރަން ޖެހެއެވެ.

ޢަރަބި ޤައުމުތަކުގެ ތެރެއިން ޙައްޖުގެ އަޅުކަމަށް ދަތުރުކުރުމަށް އެންމެ ކުޑަ ފީއެއް ދައްކަން ޖެހެނީ އޮމާނުގެ ރައްޔިތުންނަށެވެ. އެ ޤައުމުގެ ކޮންމެ ޙައްޖާޖީއަކު ދައްކަން ޖެހެނީ 1,797 ޑޮލަރެވެ. އަދި، އުރުދުންގެ ޙައްޖާޖީން 2,961 ޑޮލަރު ދައްކަން ޖެހޭއިރު، ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުން ވެސް 3,198 އެމެރިކާ ޑޮލަރު ހޭދަކުރަން ޖެހެއެވެ.

ބައެއް ޢަރަބި ޤައުމުތަކުގައި ޙައްޖުގެ އަޅުކަމަށް މި އަހަރު ނަގާ ފީ:


- ލުބުނާން (9,000 ޑޮލަރު)
- މޮރޮކޯ (7,698 ޑޮލަރު)
- ކުވެއިތު (7,578 ޑޮލަރު)
- ބަޙުރެއިން (7,559 ޑޮލަރު)
- މިޞްރު (6,910 ޑޮލަރު)
- ފަލަސްތީން (6,234 ޑޮލަރު)
- އަލްޖީރިޔާ (5,853 ޑޮލަރު)
- ސޫދާން (5,447 ޑޮލަރު)
- އިރާޤު (3,825 ޑޮލަރު)
- ސޫރިޔާ (3,700 ޑޮލަރު)
- ޔަމަން (3,416 ޑޮލަރު)

ލީބިޔާގެ ސަރުކާރުން ވަނީ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ބޭނުންވާ އެ ޤައުމުގެ ރައްޔިތުންނަށް ހިލޭ އެ ކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން 41.5 މިލިޔަން ޑޮލަރު ބަޖެޓުކޮށްފައެވެ. ފާއިތުވި އަހަރުތަކަށް ބަލައިލާއިރު، ރާއްޖޭގައި ވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ދަތުރު ކުރުމަށް ނަގާ ފީ ވަނީ ބޮޑުވެފައެވެ. ކޮވިޑް-19ގެ ކުރިން ޙައްޖުގެ އަޅުކަމަށް ނަގާފައިވަނީ 69,000 ރުފިޔާއެވެ. ނަމަވެސް، މި އަހަރު މިއަދަދުން ގާތްގަޑަކަށް 10،000 ރުފިޔާ ވަނީ ބޮޑުވެފައެވެ.

ޙައްޖުގެ އިތުރުން އަހަރުގެ ތިން ހިސާބެއްގައި ދިވެހިން ޢުމްރާއަށްވެސް ދަތުރުކުރެއެވެ. މިގޮތުން މާރިޗު މަހާއި ރޯދަ މަހާއި ޑިސެމްބަރުމަހަކީ އާއްމުކޮށް ދިވެހިން ޢުމްރާއަށް ދަތުރުކުރާ ދުވަސްވަރެވެ. ކޯވިޑްކުރިން މާރިޗު ޢުމްރާއާއި ޑިސެމްބަރުމަހުގެ ޢުމްރާގެ އަގުތައް ހުރީ 20،000 އާއި 22،000 ދެމެދުގެ އަގުތަކެއްގައެވެ. އެހެންނަމަވެސް މިހާރު މިއަގުތައް ހުރީ 27،000 އަރާފައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ. މި ކޯޓާއަށް މީހުން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ސަރުކާރުން މިއަހަރު ދީފައިވަނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށެވެ.