ނ ކެނދިކުޅުދޫގައި ޤާއިމްކުރާ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ޢިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓްރީއެއް ތަރައްޤީކުރުމަށް އަލުން ހުޅުވާލީ ކުރިން ކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީއެވެ.
މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ އުސޫލުތަކުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިމަސައްކަތަށް އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ ބީލަމުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަންޖެހެއެވެ. އަދި މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 30000 ރުފިޔާ ދައްކަންޖެހެއެވެ.
ކެނދިކުޅުދޫގައި ޤާއިމްކުރާ ގޭދޮށު މަސް ފެކްޓްރީގެ ބިޑު ހުޅުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިނެއްވާ އާދިއްތަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ.
ނ އަތޮޅުގެ އިތުރުން އައްޑޫސިޓީއާއި މ.އަތޮޅުގައިވެސް ގޭދޮށު މަސްފެކްޓްރީ ތަރައްޤީކުރުމުގެ މަޝްރޫއުވަނީ ކުރިއަށް ގެންގޮސްފައެވެ.
ގޭދޮށު މަސް ފެކްޓްރީ މަޝްރޫއުގެ ބޭނުމަކީ ރާއްޖޭގައި ބާނާ މަހުގެ ތެރެއިން ކުންފުނިތަކަށް ނުގަނެވޭ މަސްތައް އުކާލުމުގެ ބަދަލުގައި ޕްރޮސެސްކޮށްގެން ރައްޔިތުންނަށް ނަފާ ހޯދައިދިނުމެވެ. މި މަޝްރޫއުގެ ދަށުން މަސް ފިނިކުރުމާއި މަހުން އެކި ތަފާތު އިތުރު އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުސަތުވެސް ފަހިކޮށްދޭނެއެވެ.