ކުޅިވަރު

ގަލޮޅު ދަނޑުގެ މަރާމާތުގެ މަސައްކަތް ފެށޭނީ ހުޅުމާލޭ ދަނޑު ނިމުމުން: މަޚްލޫފް


ގަލޮޅު ދަނޑުގެ މަރާމާތުގެ މަސައްކަތް ފެށޭނީ ހުޅުމާލެ ޓްރެކް ސަރަހައްދުގެ ދަނޑުގެ މަސައްކަތް ނިމުމުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މަޚްލޫފް ވިދާޅުވީ، ގަލޮޅު ދަނޑު ތަޅާލާނީ ހުޅުމާލެ ޓްރެކްގައި އޮތް ދަނޑުގެ މަސައްކަތް ނިމުމުން ކަމަށެވެ.

މަޚްލޫފް ވިދާޅުވީ މިހާރު ކުރިއަށްދަނީ ގަލޮޅު ދަނޑު ހުޅުމާލެ ދަނޑަށް ބަދަލުކުރުމަށް ހިންގާނެ ޚަރަދުގެ ހޯދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެތަނުގައި ލައިޓް ހަރުކުރުމާއި، ވިނަގަނޑަށް ބޭނުންވާ ޕިޗުވެސް ހޯދަން ޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ދާނެ ޚަރަދު ބެލުމަށްފަހު އެ މަސައްކަތް މިއަހަރުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯނު އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސައިފައެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ 45،494،505 (ސާޅީސް ފަސް މިލިއަން ހަތަރުލައްކަ ނުވަދިހަ ހަތަރުހާސް ފަސްސަތޭކަ ފަހެއް) ރުފިޔާ އެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހިމަނައިފަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

ގަލޮޅު ދަނޑު މަރާމާތް ކުރުމަށް ނިންމާފައިވަނީ ދަނޑުގެ ސަހަރާއާ ވީ ފަޅީގެ ސިޑިބަރި އާއި އިރުމަތީ ފަރާތު ސިޑިބަރި ހަލާކުވެ، ބޭނުން ނުކުރެވޭ ހާލަތައް ދިއުމާއިއެކުގައެވެ.

މީގެ ކުރިން މައިގަނޑު ގޮތެއްގައި ގަލޮޅު ދަނޑުގެ މަރާމާތުތައް ކުރެވިފައިހުރީ މުބާރާތްތަކާ ގުޅިގެންނެވެ. އެ ގޮތުން އެންމެ ފަހުން ބޮޑު ބަދަލެއް ދަނޑުގެ އިމާރާތަކަށް ގެނެވުނީ 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕް ބޭއްވުމުގެ ގޮތުންނެވެ.