ކުޅިވަރު

އޯއެލްއެސްސީގެ އަގުހުރި ފެންޓަސީ ލީގު: އެއްވަނައަށް އަބްދުﷲ ވަހީދު


ރާއްޖޭގައި އެންމެ އެކްޓިވްކޮށް ހަރަކާތްތެރިވަމުން އަންނަ އޮފިޝަލް ލިވަޕޫލް އެފްސީ ސަޕޯޓާސް ކުލަބު (އޯއެލްއެސްސީ) އިން މިދިޔަ ސީޒަނަށް ކުރިއަށްގެންދިޔަ އަގުހުރި ފެންޓަސީ ލީގުގެ ވަނަވަނަ ހޯދި މީހުންނަށް އިނާމު ހަވާލުކޮށްފިއެވެ.

ލިވަޕޫލް ސަޕޯޓަރުންގެ ޖަމިއްޔާއިން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ފެންޓަސީ ލީގު (އެފްޕީއެލް) ކުރިއަށްގެންދިޔައީ ފުޅާދާއިރާއެއްގައި މުޅި ރާއްޖެއަށް ކޭބަލް ފޯރުކޮށްދިނުމުގެ ވިޔަފާރި ކުރަމުން އަންނަ ކޭބަލް ޝޮޕް މޯލްޑިވްސްގެ އެއްބާރުލުމާ އެކުގައެވެ.

މިދިޔަ ސީޒަނުގެ ނިމުން ފާހަގަކުރުމަށް އާދީއްތަ ދުވަހުގެރޭ އޯއެލްއެސްސީން ވަނީ ރަސްފަންނު ޕެވިލިއަން ހިންގަމުން އަންނަ ލެމަންގްރާސްގެ ރެސްޓޯރަންޓެއް ކަމަށްވާ ޕޮމެލޯގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލިވަޕޫލުގެ އެއް ސަޕޯޓަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އައްފާލެވެ.

މި ރަސްމިއްޔާތުގައި ވަނީ މި ލީގުގެ އެއްވަނައަށް ދިޔަ އަބްދުﷲ ވަހީދަށް 50،000 ރުފިޔާގެ އިނާމެއް ދީފައެވެ. އަދި ދެވަނައަށް ދިޔަ އިބްރާހީމް މާއިން އަޙްމަދަށް 25،000 ރުފިޔާގެ އިނާމެއް ދިންއިރު، ތިންވަނައަށްދިޔަ ޒާފިރު އަބްދުﷲ އަށް ވަނީ 12،500 ރުފިޔާގެ އިނާމެއް ދީފައެވެ. މީގެ އިތުރުން ދިހަ މަހެއްހާ ދުވަހަށް ކުރިއަށްދިޔަ މި ލީގުން ކޮންމެ މަހަކު އެންމެ ކުރި ހޯދި މީހަކަށް 1،250 ރުފިޔާގެ އިނާމެއް ވަނީ ދީފައެވެ.

މީގެ އިތުރުން އޯއެލްއެސްސީން ވަނީ މިދިޔަ ސީޒަނުގައި ސްކޯ ޕްރެޑިކްޝަން ލީގެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ލީގު އޯއެލްއެސްސީން ކުރިއަށްގެންދިޔައީ "ގޯލަރ" އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ލީގުގެ ކޮންމެ ގޭމް ވީކެއްގައި ހޮވުނު ނަސީބުވެރިއަކަށް ޕިއްޒާ ބޯނާއިން ވަނީ ޕިއްޒާއެއް ދީފައެވެ.

މިދިޔަ ސީޒަނުގައި އޯއެލްއެސްސީން ކާމިޔާބުކަމާއެކު އަގުހުރި ފެންޓަސީ ލީގެއް ނިންމާލިއިރު، ލިވަޕޫލުގެ އިތުރުން ރަސްމީކޮށް ރާއްޖޭގައިވެސް ރަޖިސްޓްރީކޮށްގެން ކުރިއަށްގެންދާ އޯއެލްއެސްސީން އަންނަނީ ކުޅިވަރާއި އެހެނިހެން ގޮތްގޮތުންވެސް ރާއްޖޭގައި ހަރަކާތްތަށް ހިންގަމުންނެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ކުރީކޮޅު އޯއެލްއެސްސީގެ ދައުވަތަކަށް ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާ ވަނީ ރާއްޖެ އައިސް، ލިވަޕޫލުގެ ސަޕޯޓަރުންނާ ބައްދަލުކޮށްފައެވެ. މިއީ ރާއްޖޭގެ ސަޕޯޓާސް ކުލަބަކުން އިސްވެ ބޭރުގެ ކުޅުންތެރިޔަކު ގެނެސްގެން ބޭއްވި ފުރަތަމަ އިވެންޓެވެ.

މީގެ އިތުރުންވެސް އޯއެލްއެސްސީން އަންނަނީ މުޅި ރާއްޖޭގައި ލިވަޕޫލް ޕްރޮމޯޓުކޮށް ސަޕޯޓަރުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެކި ކަހަލަ ހަފުލާތަކާއި، މުބާރާތްތަށް ބޭއްވުމުގެ އިތުރަށް މުޖުތަމައުއަށް ފާއިދާހުރި އެކިކަންކަމުގައި ބައިވެރިވެ އެހީތެރިވަމުންނެވެ. އެގޮތުން އޯއެލްއެސްސީން އެ ޖަމިއްޔާގެ އިޖުތިމާއީ ޒިންމާގެ ދަށުން މީގެ ކުރިން ވަނީ ކެއާ ސޮސައިޓީއަށް 10،000 ރުފިޔާ ހަދިޔާކޮށްފައެވެ.