ދުނިޔެ

ހޫނު ގަދަވެ، ޖަޕާނުގައި ކަރަންޓު ކެނޑިދާނެކަމުގެ އިންޒާރު


ވިއްސާރަ މޫސުން ނިމި، ޖަޕާނުގެ އެކި ކަންކޮޅުތަކުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާން ފަށައިފިއެވެ. ވެރިރަށް ޓޯކިޔޯގައި ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 35.1 ޑިގްރީ ސެލްސިއެސްގައެވެ. އަދި، ޓޯކިޔޯގެ އުތުރުން އޮންނަ ސާނޯގައި ފިނިހޫނުމިން ވަނީ 39.8 ޑިގްރީ ސެލްސިއެސްއަށް މައްޗަށް ގޮސްފައެވެ.

ފިނިހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިޔުމާ ގުޅިގެން ކަރަންޓު ބޭނުންވާ ކުރާ މިންވަރު އިތުރުވެ، ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމުގެ އިންޒާރު އެ ޤައުމުގެ އިޤްތިޞާދާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ. މީގެ އިތުރުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލިފައިވާތީ، އެހެން ޤައުމުތަކެކޭ ވެސް އެއް ފަދައިން ޖަޕާނުގައި ވެސް ހަކަތަ އުފެއްދުމަށް ކުރާ ޚަރަދު މި ވަނީ އިތުރުވެފައެވެ. އަދި، މި ކަމުގެ އަސަރު ކަރަންޓު ބިލުތަކުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

ކަރަންޓު ޚަރަދު ކުޑަ ކުރުމުގެ ގޮތުން، ބޭނުން ނުކުރާ ވަގުތުތަކުގައި ދިއްލުންތައް ނިވައިލުމާއި، އެއަރކޮންޑިޝަން ބޭނުން ކުރުން މަދު ކުރުމަށް ޖަޕާނުގެ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ. ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، މި އަހަރުގެ ވިއްސާރަ މޫސުން ނިމިފައި މި ވަނީ، އެހެން އަހަރު ތަކަށްވުރެ ކުރިން ކަމުގައެވެ.

2018 ވަނަ އަހަރު ވެސް ޖަޕާނަށް މި ފަދަ ހޫނުގަދަ ދުވަސްތަކަކާ ކުރިމަތިލާން ޖެހުނެއެވެ. އަދި، އާދަޔާ ޚިލާފަށް ހޫނު ގަދަވެ، ގިނަ އަދަދެއްގެ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. ހޫނު ގަދަވުމުގެ ސަބަބުން މި އަހަރު 40 އަހަރުގެ ފިރިހެނެއް މަރުވެފައިވާ ކަމަށް ޖަޕާނުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.