ކުޅިވަރު

ސިފައިންނާއި ޕޮލިހަށް ފަސޭހަ މޮޅެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ ލީގުގައި ހޯމަ ދުވަހު ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބު މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ސިފައިން މޮޅުވީ އޮފު އެފްސީ އަތުން ސީދާ ތިން ސެޓުންނެވެ. އެއާއެކު ސިފައިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ.

ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ސިފައިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޝޯން ޓީ ޖޯން ވަނީ އެ ޓީމަށް ގިނަ ޕޮއިންޓުތަކެއް ހޯދައިދީފައެވެ. މީގެ އިތުރުން ސިފައިންގެ ކެޕްޓަން އަދި ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އާއި، އާދަމް ނަސީމް (އެޑަމް) ގެ އިތުރުން މަނޫ ޖޯސެފްވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެއާއެކު މި މެޗުގެ ސެޓުތައް ދިވެހި ސިފައިންގެ ކުލަބުން ގެންދިޔައީ 25-21، 25-23 އަދި 25-15 އިންނެވެ.


މިހާތަނަށް މިފަހަރުގެ ލީގުގައި ކުޅުނު ދެ މެޗުން މޮޅުވި ޓީމުތަކަކީ ސިފައިންގެ އިތުރުން ނިމިގެންދިޔަ އެސޯސިއޭޝަން ކަޕު ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ހޯދި ސްޕޯޓްސް ކުލަބު ސިޓީއެވެ. އެއާއެކު ސިފައިންނާއި ސިޓީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ވެމްކޯއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ގުޑީސް ސްޕޯޓްސް ކުލަބުގެ މައްޗަށް ޕޮލިސް ކުރިހޯދީ 3-1 ސެޓުންނެވެ.

މިއީ މި ފަހަރުގެ ލީގުގައި ޕޮލިހުން ހޯދި ފުރަތަމަ މޮޅުވެ. އެގޮތުން ޕޮލިހުން މި ފަހަރުގެ ގައުމީ ލީގު ފަށަން ޖެހުނީ އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދި ސިޓީ އަތުން ސީދާ ތިން ސެޓުން ބަލިވެގެންނެވެ.

ގުޑީސްއިން މި މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ކުރިން މެޗުތަކުގައި ނުކުޅެވުނު ވަރުން ސިޔާމްސުއްދަރު (ވަރުން) ޓީމުގައި ހިމަނައިގެންނެވެ. އެކަމަކު އޭނާއަށް ނުޅެވިގެން ފުރަތަމަ ސެޓުގައި ވަނީ ބަދަލުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ގުޑީސް ޓީމު އާދައިގެ ގޮތަކަށް ފެނިގެންދިޔައިރު، މި ސެޓު ޕޮލިހުން ވަނީ ފަސޭހަކަމާއެކު 25-12 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ދެވަނަ ސެޓުގައި ގުޑީސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ސެޓު އެ ޓީމުން ވަނީ ވާދަވެރި ކުޅުމަކަށްފަހު 25-23 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ އަނެއް ދެ ސެޓުގައިވެސް ގުޑީސް ޓީމުގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔައިރު، މި ދެ ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-19 އަދި 25-18 އިންނެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕުގައިވެސް ވާދަކުރި ހަ ޓީމު ގައުމީ ވޮލީބޯޅަ ލީގުގައިވެސް ވާދަކުރާއިރު، މި ސީޒަނުގެ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށެވެ. އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ލީގުގެ ކުޅުން ނިމިގެންދާއިރު، ގައުމީ މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އެ މަހުގެ ހަތަރުވަނަ ދުވަހެވެ.